ވިޔަފާރި

ބީއެމްއެލްއިން ދަނގެތީގައި ތިމާވެއްޓާ ރަށްޓެހި ކޮތަޅު ބަހައިފި


ބީއެމްއެލް ކޮމިއުނިޓީ ފަންޑް ޕްރޮގްރާމްގެ ދަށުން އދ. ދަނގެތީގެ ގޭބީސީތަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާކޮށްފިއެވެ.

މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'ގެ ދަށުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހުށައަޅާފައިވާ ޕްރޮޕޯސަލްތަކުން ހޮވިފައިވަނީ 5 ޕްރޮޖެކްޓެކެވެ. އޭގެތެރެއިން ތިމާވެއްޓާ ރައްޓެހި ކޮތަޅު އުފެއްދުމަށް އދ.ދަނގެއްޗަށް އުފަން އިބްރާހީމް ފަރުޝާންގެ ޕްރޮޕޯސަލަށް ބީއެމްއެލްގެ މިފަންޑުގެ ދަށުންދޭ ފަންސާސް ހާސް ރުފިޔާވަނީ ދީފައެވެ. އެގޮތުން ދަނގެތީގެ ކޮންމެ ގެއަކަށާއި މުވައްސަސާއަކަށްވެސް ތިމާވެއްޓާއި ރައްޓެހި ކޮތަޅު އޭނާވަނީ މިޕްރޮޖެކްޓްގެ ތެރެއިން ހަދިޔާކޮށްފައެވެ. މީގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ކޮތަޅު ބޭނުންކުރުން އދ.ދަނގެތީގައި މަދުވެގެންދާނެކަމަށް ކޮތަޅު ޑިޒައިންކުރި ފަރުޝާން އާއި ބީއެމްއެލުން ބުނެއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުރަތަމަ ކުއާޓާގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓްތަކުގެ ތެރެއިން 3 ވަނަ ޕްރޮޖެކްޓް ދަނގެތީގައި އިފްތިތާޙުކޮށްފައިވާއިރު މި ޙަރަކާތާއި ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ އެބޭންކުގެ ފަންޑުގެ ސަބަބުން މިފަދަ އިތުރު ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ހިންގުންކަމަށެވެ.

މިޕްރޮޖެކްޓް ކުރިއަށްގެންދިޔަ އިބްރާހީމް ފަރުޝާން ވިދާޅުވީ މިފަދަ ޚިޔާލެއް އޭނާ ކުރީ ދަނގެއްޗަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށަކަށްވެފައި ތިމާވެށީގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އޭނާ އަބަދުވެސް ކުރަމުން އައިސްފައިވާ މަސައްކަތަށް އިތުރު ކުރިއެރުމެއް ހޯދުމަށްކަމަށެވެ. އަދި އުއްމީދަކީ އޭނާގެ މިމަސައްކަތަށް ރަށުގެ ހުރިހާ ފަރާތެއްގެ އެހީތެރިކަން ލިބި ދަނގެއްޗަކީ ޕްލާސްޓިކާ ދުރު ރަށަކަށް ވެގެންދިއުންކަމަށެވެ.

ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމަށް ކުރިއަށްދިޔަ ޙަރަކާތުގައި ޒީރޯ ވޭސްޓް މޯލްޑިވްސްއިން ވަނީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ދަނގެތީގެ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތުވެސް ދީފައެވެ.

އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑަށް ހުށައަޅާ ޕްރޮޕޯސަލްތަކަކީ ހިލޭސާބަހަށްކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރުގެ ޙަރަކާތްތަކާއި ތިމާވެށި ޙިމާޔަތްކުރުންފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށައަޅާ ޕްރޮޖެކްޓްތަކެވެ. މީގެތެރެއިން އެންމެ މޮޅު 5 ޕްރޮޖެކްޓް ކަނޑައަޅާ އެޕްރޮޖެކްޓްތައް ކުރިއަށްގެންދިޔުމަށް ބީއެމްއެލުން ފަންސާސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މިހާތަނަށް ފުރަތަމަ ކުއާޓާގެ 3 ޕްރޮޖެކްޓް ހިންގާފައިވާއިރު ބާކީ އޮތް 2 ޕްރޮޖެކްޓްގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެކަމަށް ބިއެމްއެލުން ބުނެއެވެ. އަދި ދެވަނަ ކުއާޓާގެ ޕްރޮޖެކްޓްތަކުން ހޮވުނު ފަރާތްތައްވެސް އަވަސް މުސްތަގުބަލުގައި އެނގިގެންދާނެކަމަށް ބީއެމްއެލުން ބުނެއެވެ. މި ފަންޑު މެދުވެރިކޮށް މުޖުތަމަޢަށް ޚިދުމަތްކުރުމަށް ގިނަބަޔަކު ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަން ބޭންކުން ފާހަގަކުރެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 2 ކުއާޓާގައި 100 އަށްވުރެ ގިނަ ޕްރޮޕޯސަލް އެކި ފަރާތްތަކުން ހުށައާޅާފައިވާކަމަށް ބޭންކުން ބުނެއެވެ.