ދީން

ސައުދީން އިތުރުކޮށްދިން ހައްޖު ކޯޓާތައް ބަހައިފި


މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް އިތުރުކޮށްދެއްވި އެއްހާސް ކޯޓާ އިސްލާމިކް މިނިސްޓްރީން ބަހައިފިއެވެ.ރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް އިތުރު އެއްހާސް ކޯޓާގެ ހަމަޖެހިގެންދިޔާއީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، ސައުދީ ސަރުކާރުން އިތުރުކޮށްދެއްވި އެއްހާސް ކޯޓާގެ ތެރެއިން ފައްސަތޭކަ ކޯޓާ ދޫކޮށްފައިވަނީ ޙައްޖު ކޯޕަރޭޝަނާއި، ޙައްޖަށް މީހުން ގެންދިއުމަށް ޙުއްދަ ދީފައިވާ 3 ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކަށް 100 ކޯޓާއި، އަދި އިސްލާމިކް މިނިސްޓްރީއަށް 200 ކޯޓާ ކަމަށެވެ.އޭނާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއަށް ދޫކޮށްފައިވާ 200 ކޯޓާގައި ޙައްޖަށް ފޮނުވަން ނިންމާފައިވަނީ އެކި ސަބަބުތަކާއި ހެދި ޙައްޖަށް ނުދެވި ހުރި ފަރާތްތައް ކަަމަށެވެ.ރާއްޖެއިން މިއަހަރު ޙައްޖަށް ގެންދިއުމުގެ ޙުއްދަ މިނިސްޓްރީން ދީފައިވަނީ، މިނާ ޙައްޖު އުމްރާއަށާއި، ސިސިލްފަރު ޙައްޖު އެންޑް އުމްރާ އަދި ޒައީ ގްރޫޕަށެވެ. އަދި މި ގްރޫޕްތަކަށް 134 ހައްޖު ކޯޓާ އިސްލާމިކް މިނިސްޓްރީންވަނީ ކުރިން ދެއްވާފައެވެ. އެހެންކަމުން ކޮންމެ ގުރޫޕަކަށްވެސް ޖުމްލަ 234 ކޯޓާ ދެވިފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.