ޤައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަލަކަތަކަށް ހައްލު ހޯދުމަށް ޞަރަހައްދުގެ ޤައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.
މި އެއްބަސްވުމުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން މި ޤައުމުތަކަށް ލިބޭ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުންދާތީ މިފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ޙައްޤުތަކާއި ޤައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދެނެގަތުމެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ އުޞޫލުތަކާއި މި އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުގެ ޤާނޫނުތަކުގެ އަލީގައި އެއް ޤައުމުން އަނެއް ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިޙްތިރާމްކޮށް ޤައުމުތަކުގެ ދާޚިލީ ކަންތައްތަކަށް ބުރޫނާރާނެހެން، މިފަދަ ކުށްކުރުން ހުއްޓުވުމަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތްކުރެވިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ޤައުމުތަކުގެ މެދުގައި އެއްބަސްވެގެން ހިންގާ ބައިނަލްއަޤްވާމީ އޮޕްރޭޝަންތައް ރާވާ، ހިންގާ އަދި ވިލަރެސްކުރުމުގެ ގޮތުން "ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ގެ ނަމުގައި ސްރީލަންކާގައި ސެންޓަރެއް ޤާއިމްކުރުމަށްވެސް ކަޑައަޅާފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރާނީ ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރުގެ މެދުގެވެ.
މިއެއްބަސްވުމުގެ ދަށުން ސެންޓަރެއް ޤާއިމުކޮށް ހިންގަން ފެށުމަކީ، ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލްކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދުގައި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް، އިންސާފު ޤާއިމުކޮށް، މިފަދަ ކުށްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ އިޖުތިމާޢީ، އިޤްތިޞާދީ އަދި އެހެނިހެން ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނައާއި މުދާލާއި އެހެނިހެން ޙައްޤުތަކާއި މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.