ވިޔަފާރި

އެޕް މެދުވެރިކޮށް ފެން ބިލް ދައްކައިގެން 5 ހާސް ރުފިޔާ ލިބުމުގެ ފުރުސަތު


އެމް.ޑަބްލިޔު.އެސް.ސީގެ ރަސްމީ އެޕްލިކޭޝަން ބޭނުންކޮށްގެން ފެން ބިލް ދައްކަވާ ފަރާތްތަކަށް ޚާއްސަ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ "އަޅައިގެން 5 ހާސް"ގެ ނަމުގައި ކުރިޔަށްގެންދާ މިޕްރޮމޯޝަންގެ ދަށުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދައްކާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ. އަދި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 20 ފަރާތަކަށް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މިޕްރޮމޯޝަން މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީއިން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށީގައިވެސް ކުރިއަށްދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުގެ އިތުރުންވެސް ގިނަ ޚިދުމަތްތަކެއް އެކުންފުނީގެ އެޕްލިކޭޝަނުން ލިބެއެވެ. އޭގެތެރޭގައި ފެން މީޓަރުން ފެން ބޭނުންކުރެވޭ މިންވަރު ބެލުން، ފާއިތުވީ މަސްތަކުގެ ފެން ބިލްތަކާއި އަދި ފައިސާ ދެއްކިފައިވާގޮތުގެ ތަފްޞީލް ބަލައިލުން ހިމެނެއެވެ. މީގެ އިތުރުން ބިލް ތައްޔާރުވުމުންނާއި ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން އަދި ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމުގެ ކުރިން ފޯނަށް ނޯޓިފިކޭޝަން ފޮނުވުމުގެ ޚިދުމަތްވެސް އެމްޑަބްލިޔުއެސްސީގެ އެޕްލިކޭޝަނުން ލިބެއެވެ.