ޚަބަރު

މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި 32 މީހަކު މިއަހަރު ހައްޖަށް ފޮނުވައިފި


ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މަލީޝާ ޖަމާޢަތަށް ފައިސާ ދެއްކުމަށްފަހު ޙައްޖަށް ނުދެވުނު މީހުންގެ ތެރެއިން މިއަހަރު 32 ފަރާތެއް ސަރުކާރުން ޙައްޖަށް ފޮނުވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ޙައްޖަށް ދިޔުމަށް މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން މިހާތަނަށް ހައްޖަށް ދެވިފައިނުވާ ފަރާތްތައް ހައްޖަށް ފޮނުވުމަށް ރައީސް ޞާލިހް ނިންމެވުމާ ގުޅިގެން އެ މަސައްކަތް ކުރުމަށް އެމިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަމަށެވެ.

މިނިސްޓަރ ވިދަޅުވީ މީގެ ކުރިން މަލީޝާ ޖަމާޢަތުގެ ޙަވާލުގައި ޙައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ކޮންމެ އަހަރަކު ސަރުކާރުން ގެންގޮސްފައިވަނީ 10 މީހުންކަމަށެވެ. އަދި މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު އޭގެ ތެރެއިން 45 މީހުން ނުގެންގޮސް ތިބިކަމަށެވެ. އެހެންކަމުން އެފަރާތްތައް މިއަހަރު ހައްޖަށް ގެންދިޔުމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކުރި މަސައްކަތުން މިނިސްޓްރީއަށް ލިބިފައިވާ ލިސްޓުގައި ތިބި ދެމީހެއްގެ ނަންބަރަށް ނުގުޅުނުކަމަށާއި ބައެއް ފަރާތްތަކުގެ ބަލި ހާލަތު ހުރިގޮތުން ޙައްޖަށް ދެވެން ނެތްކަން އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށާއި ބާކީ ތިބި ފަސް މީހުން އަންނަ އަހަރު ޙައްޖަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިފަިއވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި 5 ފަރާތަށް އަންނަ އަހަރު ހައްޖަށް ދިއުމުގެ ފުރުޞަތު ދޭން ނިންމާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"މަލީޝާ ޖަމާޢަތުން ހައްޖުވެރިންގެ އަތުން ފައިސާނެގުމަށްފަހު އެއައަށް އިޙްމާލު ވެފައިވާތީ އެ މައްސަލަ އަދިވެސް ކޯޓުގައި އެބައޮތް މިނިސްޓްރީއާއި ހައްޖުވެރިޔާއާ ދެމެދުއެއްބަސްވެފައިވަނީ ހައްޖަށް ދިއުމަށް މަލީޝާ ގުރޫޕުން ދެއްކި ފައިސާ ލިބެއްޖެނަމަ އެ މިނިސްޓްރީއަށް ދައްކާގޮތަށް. އަދި ނިޔާވެފައިވާ މީހާގެ ފައިސާއާއި ބަލިހާލަތު ހުރި ގޮތުން ހައްޖަށް ނުދެވޭ ފަރާތްތަކުގެ ފައިސާ އެ މީހުންނަށް ލިބިގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މަލީޝާ ޖަމާއަތުން ވަނީ 1431 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގާފައެވެ. އަދި އެ ފަރާތްތަކަށް ޙައްޖަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަލީޝާ ޖަމާއަތަށް ފައިސާ ދެއްކުމަށްފަހު ޙައްޖަށް ދެވިފައިނުވާ ފަރާތްތައް ހައްޖަށް ފޮނުވުމަށް ނިންމަވާފައެވެ.

އެގޮތުން އެ މީހުންގެ ތެރެއިން މިހާތަނަށް ޙައްޖަށް ނުދެވި ތިބި މީހުންގެ ތެރެއިން 32 މީހަކު މިވަނީ މިއަހަރު ސަރުކާރުން މިވަނީ ޙައްޖަށް ފޮނުވާފައެވެ. މި މީހުން ޙައްޖަށް ފޮނުވާފައިވަނީ އިސްލާމިކް މިނިސްޓްރީން ރިޒާވްކުރި ކޯޓާގެ ތެރެއިންނެވެ.

މިއހަރު ރާއްޖެއަށް ލިބުނު 2000 ކޯޓާގައި މީހުން ވަނީ ހައްޖަށް ގޮސްފައެވެ.