ޚަބަރު

މުޤައްރިރުންގެ ކޮމިޓީއެއް އެކުލަވާލަނީ


މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމަށާއި ކޯޓުތަކަށް ފަޑިޔާރުން އައްޔަން ކުރުމަށް މުޤައްރިރުންގެ ކޮމިޓީއެއް އެކުލަވާލުމުގެ ވިސްނުން ގެންގުޅެމުންދާކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއިއެކު މަޖިލީހުގެ ރައީސް މުހައައްމަދު ނަޝީދު ބޭއްވި ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތު ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މުވައްސަސާތަކަށް ކަޑައަޅާ ބޭފުޅުންނަކީ އެދާއިރާއަކަށް ޚާއްސަ ޓެކްނިކަލް މީހަކަށްވާއިރު މިފަދަ ބޭފުޅުން އައްޔަންކުރުމުގައި މަޖިލީހުން ޒިންމާދާރުކަމާއެކު ގެންދެވޭނެ އުސޫލެއް އޮންނަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް މިބައްދަލުވުމުގައި ބައިވެރިވި މެމްބަރަކު ވިދާޅުވިއެވެ.

މިކަމުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ވިސްނުންފުޅުހުރީވެސް ވަކި ކޮމިޓީއެއްގެ ގޮތުގައި ކޮމިޓީއެއް އެކުލަވާލައި މިމަސައްކަތް ކުރުމަށެވެ. އެގޮތުން މިކޮމިޓީގައި މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއި، ޕާޓީތަކުގެ ލީޑަރުން ތިބޭގޮތަށް އެކުލަވާލުމާމެދު މަޝްވަރާ ކުރެވިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުން ދާދި ފަހުން ފާސް ކުރި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އެކުލަވާލާފައިވާގޮތުން އެކި މުވައްސަސާތަކަށް މެމްބަރުން ކަޑައެޅުމަށް ވަނީ އެކި ކޮމިޓީތަކަށް ބަހާލާފައެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އައްޔަން ކުރުމުގެ ބާރު މާލިއްޔަތު ކޮމިޓީއަށް ލިބޭއިރު، ހިއުމަން ރައިޓްސް ކޮމިޝަނަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮތީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށެވެ.

ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ޖުޑިޝަރީ ކޮމިޓީއަށްް އޮތްއިރު، މީރާގެ ވެރިން ކަނޑައެޅުމުގެ ބާރު އޮތީ އިގްތިސާދީ ކޮމިޓީއަށެވެ. އަދި ބާކީ ހުރި މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.