ސިޔާސީ

އަދީބު ފިލުމަކީ ފުލުހުންނާއި ހޯމް މިނިސްޓަރުގެ ފެއިލްވުމެއް - މަޖިލިސް މެންބަރުން


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްގަފޫރު ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައިގަތުމަކީ ފުލުހުންނާއި ހޯމް މިނިސްޓަރުގެ ފެއިލްވުމެއްކަމަށް، ވިދާޅުވެ ސަރުކާރަށް ތާޢީދުކުރާ ބައެއް މެންބަރުންގެ ފާޑުކިއުން ފުލުހުންނަށާއި ހޯމް މިނިސްޓަރަށް އަމާޒުވެއްޖެއެވެ. މެންބަރުންގެ ފާޑުކިއުން އަމާޒުވީ އަދީބުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާއަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ، ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފުލުހުންގެ ބަންދުން ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށް އޭނާ ރާއްޖޭގެ ޖިނާޢީ ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓާނެތަނެއް ނެތްކަމަށްބުނެ ކޯޓުން ދޫކޮށްލާފައިވުމަކީ މަޖިލީހުން ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅީކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ. ލަބީބު ވިދާޅުވީ، އަދީބަކީ ރާއްޖޭގައި ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ތުހުމަތުތަކެއް ކުރެވި ރާއްޖޭގެ ޝަރުޢީ ކޯޓްތަކުން ހުކުމްތަކެއް ކޮށްފައިވާ ބޭފުޅެއްކަމަށެވެ.

"33 އަހަރު ޝަރުޢީ ކޯޓުން ހުކުމްކުރެވި ފަހުން އެ ޙުކުމް ބާޠިލްކުރެވުނަސް ކޯޓްތަކުގައި މައްސަލަތައް އެބަހިނގާ. ފުލުސް އޮފީހުގަ އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގަ މައްސަލަތައް އެބަހިނގާ. ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އަދީބު ބަންދުގައި ބެހެއްޓުމަށް އެދިފައި. އަދީބު ފިއްލެވީ ބަންދުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުނުތާ 2 މަސްވީއރުވެސް އަމުރުނުކުރުމުން. މިއީ އިންތިހާއަށް ކަންބޮޑުވާކަމެއް. އެކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާ ފިއްލަވަން އުޅުއްވީ." އިލްޔާސް ލަބީބު ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސްކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމްވަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުވިދަޅުވެ ވާހަކަފުޅު ދައްކަވާފައެވެ. މީކާޢީލް ވަނީ، ރާއްޖޭގެ ހުރިހައި މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި އަދީބުގެ މައްސަލަތައް ސަމާލުކަމަށް އައިސްފައިވާ ދަނޑިވަޅެއްގައި އަދީބަށް ފިލައިގެން ވަޑައިގަނެވުނު ސަބަބާމެދު ސުވާލު އުފައްދަވާފައެވެ. މީކާއިލް ވިދާޅުވީ އަދީބަށް ފިލައިގެން ވަޑައިގަނެވުނީ ކީއްވެގެންތޯ ބަލަންޖެހޭކަމަށެވެ. މިކަމަކީ ފުލުހުންގެ އިންޓެލިޖެންސް ފެއިލްވުންކަން ވަރަށް ސާފުކޮށްކަން ފެންނަން އެބައޮތްކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

"ޕޮލިސް އިންޓެލިޖަންސް ފެއިލަރއެއް މީގައިވާކަން ވަރަށް ސާފު އިއްޒަތްތެރި ރައީސް. މިއީ ނުދައްކަންވީ ވާހަކައެއް ނޫން. މިވާހަކަ ނުދެއްކެންޔާ އަދީބު ކީއްކުރަން ޔާމީންވެސް ތަނެއްގަ ފިލާހުންނަ މަންޒަރު އަޅުގަނޑުމެންނަށް ފެންނާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫން. ރިޟްވާން މައްސަލާގައިވެސް އަދީބް ޑިފެންސް މިނިސްޓްރީއާއި ހަވާލުވެ ހުންނެވިއިރު ރިޟްވާން މައްސަލާގައި ހިމެނޭ ބޮޑެތި ސަސްޕެކްޓުން މި ރާއްޖޭގެ އިމިގްރޭޝަނާ ކަސްޓަމްސްއާ ފުލުހުންނާއި ގުޅިގެން މިރާއްޖެއިން ފުރުވާލެވުނުކަމީ އަޅުގަނޑުމެންނަށް އެނގޭކަމެއް. އަދިވެސް އެ މުއައްސަސާތަކުގައި ތިބީ އެބޭފުޅުން. ބަދަލެއްނުވޭ. އަދީބު ފުރުވާލި މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއިރު މިއަދާހަމައަށް އާއިރުވެސް އެޅުނު ފިޔަވަޅެއް އަޅުގަނޑުމެންނަކަށް ނޭނގޭ. މިއީ ކަންބޮޑުވާކަމެއް." މީކާއީލް ވިދާޅުވި.

މި މައްސަލައަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރާއްޖޭގައި ހިނގި ބޮޑެތި ޖަރީމާތަކާ ގުޅޭ އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށާ، މިއީ ކަންބޮޑުވާކަމެއްކަމަށެވެ. އެކަމުން ދައްކައިދެނީ ދައުލަތުގެ ނިޒާމްތަކުގައި މައްސަލަތަކެއް ހުރިކަމެއްކަންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

"އަދީބު ހައްޔަރުކުރެވުނީ ރަނގަޅަށްތޯ ނުރަނގަޅަށްތޯ ނޫން ބަލަން މިއުޅޭނީ. މި ދިވެހިރާއްޖޭގެ ރައްޔިތުންގެ ބައިތުލްމާލުންނާއި ރާއްޖޭގަ ހިނގި ބޮޑެތި ޖަރީމާތަކާ ގުޅޭގޮތުން ހަމަ އެކަކުވެސް ހިފާހައްޔަރުގައި ނެތީމަ އެކަމުގެ ކަންބޮޑުވުން މި ފާޅުކުރަނީ. ކޮންމެވެސް މައްސަލައެއް އެބައުޅޭނުންތޯ ދައުލަތުގެ ތެރޭގައި. އެއީ ހަޤީޤީ ކަންބޮޑުވުމަކީ." އިމްތިޔާޒް ވިދާޅުވި.

އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރަށުގައި ބަންދުގައިހުރި މީހަކަށް ފަސޭހައިން ފިއްލެވެންވީ ކީއްވެގެންކަމާމެދު ސުވާލު އުފެދޭކަމަށެވެ. ޝިޔާމް ވިދާޅުވީ، ފުލުހުން ފާރަލަމުން ދަނިކޮށް އަދީބު ފިލިކަމުގައިވިޔަސް އަދި ފިލުވި ކަމުގައިވިޔަސް މިއީ ހޯމް މިނިސްޓަރާއި ފުލުހުންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވަންޖެހޭ ކަމެއްކަމަށެވެ.

"ޕޮލިސް އިންޓެލިޖެންސް ކޮބައިތޯއޭ. ހޯމް މިނިސްޓަރު ކޮބައިތޯއޭ. އަޅުގަނޑު މިހިނދުން މިހިނދަށް ގޮވާލަން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އިސްތިއުފާދެއްވަންޖެހޭ. ފުލުހުންގެ މުއައްސަސާތަކުގައި ތިބި ބައެއް މީހުން މިހާރުން މިހާރަށް އިސްތިއުފާދެއްވަންޖެހޭ. އަޙްމަދު އަދީބު ފިލިކަމަށްވިޔަސް އަދި ފިލުއްވިކަމަށްވިޔަސް ދެގޮތުންކުރެ ކޮންމެސް އެއްގޮތެއް މިއޮތީ މިކަމުގަ ދިމާވެފައި. އެހެންކަމުން ކޮންމެ ގޮތެއްވިޔަސް މިބޭފުޅުން މިހާރުން މިހާރަށް އިސްތިއުފާދެއްވަންޖެހޭ." ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވި.

ޝިޔާމްވަނީ އަދީބު ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި ތަޙްޤީޤްކުރުމަށް ގޮވާލާ ވާހަކަ ދައްކަވާފައެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިޅުވީ އަދީބަށް މިސަރުކާރުން ނުފޫޒްތަކެއް ފޯރުވާކަމަށް އަދީބު ތުހުމަތުކުރާކަމަށާ، މިސަރުކާރާއި އިންޑިއާއާ ގާތް ގުޅުމެއް އޮތް ދުވަސްވަރެއްގައި އަދީބު އިންޑިއާއަށް ދާނީ ސަރުކާރުގެ ބައެއްގެ ބައިވެރިވުމާއެކުކަމަށެވެ.

"އަދީބު ގެކައިރީގައި 24 ގަޑިއިރު ފުލުހުން ފާރަލަމުން ދަނިކޮށް އަދީބަށް ފިލުނީ ކީއްވެގެންތޯ؟ އެމީހުންގެ ޒިންމާއަކީ ކޮބައިތޯ؟ ހޯމް މިނިސްޓަރުގެ ޒިންމާއަކީ ކޮބައިތޯ؟ މޮޅެތި ގޮތްގޮތަށް ތަންތާ ތިބެ ޓްވީޓްކުރުންތޯ ހޯމް މިނިސްޓަރުގެ ޒިންމާއަކީ؟ ކޯޓްތަކަކާ ނޫން ފުރަތަމަ ބެހެންވީ. ފުލުހުން މިކަމުގަވީ އިހްމާލު ފުރަތަމަ ބަލަންވީ" މުޙައްމަދު ނަޝީދު ޢަބްދުﷲ ވިޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް ވިދާޅުވީ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކުރުމުގެ ބަދަލުގައި ރާއްޖޭގެ ސިޔާސީ ސަރަހައްދަށް ގެނެސް އޭނާ ހައްޔަރުކުރުމުގެ ފުރުޞަތު ސަލާމަތީ ބާރުތަކަށް އޮތްކަމަށެވެ. ޝަހީމް ވިދާޅުވީ މި މައްސަލާގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އިހުމާލު ވަރަށް ބޮޑުކަމަށެވެ. މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކުން ޒިންމާ ނަގަންޖެހޭކަމަށާ ސަރުކާރުންވެސް މި މައްސަލާގައި ވާހަކަ ނުދެއްކުމަކީ އިހުމާލެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

"ކޮންމެ ގޮތަކަށް ހައްޔަރުކޮށްގެން ގެނައިކަމުގައި ވީނަމަވެސް ރާއްޖޭގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މީހަކު ފުރައިގެން ދިއުން އެއީ ބޮޑު ކުށެއް. ޕީޖީ ފަރާތުން ވަކާލާތު ކުރި މީހުންނާ ސަރުކާރުން މިކަމުގައި ދައްކަންޖެހޭ ވާހަކަތައް ކޮބައިތޯ. އަޅުގަނޑަށް ފެންނަނީ ބޮޑުތަނުން އިހުމާލުވެފަ އޮތްތަން." ޙުސައިން ޝަމީން ވިދާޅުވި.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ޙުސައިން ވިދާލުވީ، ޤާނޫނީ ހަމަތަކުގެ މަތިން އަދީބު މިހާރު ބަންދުކުރެވިފައިވާކަމަށާއި، ކުއްލި މައްސަލައެއް ގިނަ ވަގުތު ބަހުސްކުރުމަކީ އަދީބު ޕްރޮމޯޓްކުރުންކަމަށެވެ.

"ކޮންއިރަކުންތޯއޭ އަޅުގަނޑުމެން މިކަންތައް ބަދަލުކުރަން ފަށާނީ. އަޅުގަނޑުމެންނަށް އަނެއްކާވެސް ޖެހޭނީ ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދިން ގޮތަށް އަދީބުއަށްވެސް ދެން މިގޮތަށް ރަތް ކުލައިގެ ޓަގް ބޯތަކަށް އަރައިގެން ފުރައިގެން ނުދާށޭ ކިޔާހަ ނަސޭހަތް ދީފަ އެހިސާބުން ނިންމާލުންހެއްޔޭ." ޢަލީ ޙުސައިން ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސްކުރެއްވި ސަރުކާރަށް ތާޢީދުކުރައްވާ އިތުރު ބައެއް މެންބަރުންވެސް ވަނީ އަދީބު ފިލި މައްސަލާގައި ހޯމް މިނިސްޓަރަށާއި ފުލުހުންނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މި މައްސަލާގައި ސަރުކާރުގެ އިދާރާތަކުން ޒިންމާދާރުވެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމެންބަރުން ވަނީ ގޮވާލައްވާފައެވެ. ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް އަދީބު ވެވަޑައިގެންނެވި މައްސަލާގައި އަދީބު ރާއްޖެ ގެނައުމަށްކުރި މަސައްކަތް ފިޔަވައި ފުލުހުން އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު ދައުލަތުގެ އެއްވެސް މުއައްސަސާއަކުންވެސް މިމައްސަލާގައި އެއްވެސް އެއްޗެއް ހާމަކުރައްވާފައެއްނުވެއެވެ.