ވިޔަފާރި

"ހަފްތާރެސް" ދެން އޮންނާނީ ޢީދަށްފަހު، ވިލިމާލޭގައި


ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "ހަފްތާރެސް" މާކެޓް ދެން އޮންނާނީ އަޟްހާ އީދަށްފަހު ވިލިމާލޭގައިކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނީ ޢީދު ބަންދަށްފަހު ހަފްތާރެސް މާކެޓް ދެން އޮންނާނީ މިމަހުގެ 23 ވާ ހުކުރު ދުވަހުކަމަށެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ބާއްވަމުން އަންނަ "ހަފްތާރެސް" މާކެޓް މާލެއާއެކު ހުޅުމާލެ އަދި ވިލިމާލޭގައި ބޭއްވުމަށް މިނިސްޓްރީން ނިންމާފައިވަނީ މިދިޔަ މަހުއެވެ.

ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި ހަރަކާތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާ ވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. މި މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންނެވެ.