ޚަބަރު

ސިއްޙީ ނިޒާމް ބިނާކުރަމުން ދަނީ ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން - މިނިސްޓަރ އަމީން


މިސަރުކާރުން ރާއްޖޭގެ ސިއްޙީނިޒާމަށް ގެންނަބަދަލުތަކަކީ ހަޤީޤީ މާނާގައި ދުރުމުސްތަޤުބަލަށް އޭގެ ފައިދާ ކުރާނޭހެން ގެންނަ ބަދަލުތަކެއްކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ސިއްޙީނިޒާމަކީ ހަރުދަނާ ކަމާއިއެކު ދުރު މުސްތަޤުބަލަށް ފައިދާކުރާނޭހެން ހިންގޭ ނިޒާމަކަށް ބަދަލުކުރަން ޖެހޭކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅަކީ ދުރު މުސްތަޤުބަލަށް ސިއްޙީ މަންފާ ކުރާނޭފަދަ ގޮތަކަށް ސިއްޙީ ނިޒާމު ބައްޓަން ކުރުންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ސިއްޙީ ޙިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުންނާއި ވަސީލަތްތަތައް ހަމަކުރުމަށް ކަމަށް އަމީން ވިދާޅުވިއެވެ.

އެގޮތުން މިއަހަރު ނިމުމުގެކުރިން މީގެ ނަތީޖާ ފެނިގެންދާނެކަމަށާ، މިސަރުކާރުން ސްިޙީދާއިރާ ކުރިއެރުވުމަށް ވެފައިވާ ވަޢުދުތައް ފުއްދާނީ އޭގެނަތީޖާ މުޅިރައްޔިތުންނަށް ލިބޭނޭހެން ދުރުމުސްތަޤުބަލަށް ބިނާކޮށްގެންކަމަށް އަމީން ވިދާޅުވިއެވެ.

ސިޔާސީ ބޭނުންތަކަށް ނުވަތަ ވަކިމަންފާތަކެއް ޙާސިލްކުރުމަށް ސިއްޙީނިޒާމާ ކުޅުމުން އޭގެ ނުރަގަޅު ނަތީޖާ މިއަދު ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނިމިދިޔަ 5 އަހަރު ރާއްޖޭގެ ސިއްޙީ ނިޒާމުގެ ސިޔާސަތުއޮތީ އެއްވެސް ހަރުދަނާކަމެއްނެތި ކަމަށާ، މިއަދު މިދާއިރާއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ އެއީކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް ސިއްޙީ ޚިދުމަތްދޭ 28 ތަނެއް 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ ހަމައެކަނި ނަންބޯޑު ބަދަލުކުރާ އުސޫލުން ކަމަށާ، މިބަދަލުން ރައްޔިތުންނަށް ލިބުނު ހިންހަމަޖެހުމެއްވެސް އަދި ސިއްޙީ ޙިދުމަތްދޭ ތަންތަނަށް ލިބުނު ކުރިއެރުމެއްވެސް ނެތްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ސިއްޙީ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހައިރަށެއްގައި ލެބޯރޓްރީގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެވެ. އަދި ސިއްޙީނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ޕަބްލިކް ހެލްތުގެ ވަރުގަދަ ނިޒާމެއް އަލުން ނަގައި ކޮޅަށްޖެހުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރ އަމީން ވަނީ ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރޭ މުނާސަބަތާއި ގުޅިގެން ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ.