ވިޔަފާރި

"ސަބްވޭ"އަށް މިވީ ކިހިނެއްބާ؟


އެހެން ފާސްޓްފުޓް ރެސްޓޯރެންޓުތަކާ ތަފާތު ކޮންސެޕްޓެއްގައި ސަބްމެރިން ފަދަ ތަކެތި ތައްޔާރުކުރުމުގައި ޢާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ "ސަބްވޭ"އިން މިވަނީ ފާއިތުވި ތިން އަހަރުދުވަހުގެތެރޭގައި އެކުންފުނީގެ 1000އަށްވުރެ ގިނަ އައުޓްލެޓް ބަންދުކޮށްފައެވެ. ސަބްވޭއިން ހާމަކުރާގޮތުގައި އެކުންފުނީގެ ވިޔަފާރި ވަނީ %25 ދަށްވެފައެވެ.

ކަސްޓަމަރުންގެ މެދުގައި އެހާ މަޤްބޫލްކަން ހޯދާފައިވާ އަދި ކުުރު މުއްދަތެއްގެ ތެރޭގައި ވިޔަފާރި އެތައް ގުނައަކަށް ފުޅާވެގެން ދިޔަ "ސަބްވޭ"ކުންފުންޏަށް މިވީ ކިހިނެއްބާއެވެ؟

ސަތޭކައަށްވުރެ ގިނަ ޤައުމުގައި 42000 އަށްވުރެ ގިނަ ސަބްވޭގެ އައުޓްލެޓްތައް ހުންނަ އިރު، ސަބްވޭ ވެފައިމިވަނީ އެންމެ ގިނަ ޢަދަދެއްގެ އައުޓްލެޓް ހިންގާ ކުންފުންޏަށެވެ.

1965ވަނަ އަހަރު ޕީޓްސް ސުޕަރ ސަބްމެރިންގެ ނަމުގައި އެމެރިކާގެ ކަނެޓިކަޓްގައި ކުޑަ ގޮތަކަށް ފެށި ވިޔަފާރި ކާމިޔާބުވެ، އޭގެ ތިން އަހަރުފަހުން ޕީޓްސް ސުޕަރ ސަބްމެރިންގެ ނަން ސަބްވޭއަށް ރީ ބްރޭންޑުކުރިއެވެ.

ސަބްވޭއަކީ ތާޒާކަންމަތީ އަދި ކަސްޓަމަރުން ބޭނުންވާ އިންގްރީޑިއަންޓްސް އަޅައިގެން ސަބްމެރިންއާއި ސޭންޑްވިޗް ފަދަ ލުއި ކެއުންތައް ތައްޔާރުކުރުމުގައި ކަސްޓަމަރުންގެ މެދުގައި މަޤުބޫލްކަން ހޯދާފައިވާ ކުންފުންޏެކެވެ.

1981ވަނަ އަހަރު ނިމުނުއިރު، ސަބްވޭގެ 200އަށްވުރެ ގިނަ އައުޓްލެޓް ހިންގަމުން އައިސްފައިވެއެވެ.
ސަބްވޭގެ ހުރިހާ އައުޓްލެޓެއްވެސް ބަލާބެލުމަށް ވަރަށް އެއްގޮތެވެ. އެހެން ނަމަވެސް މިފަދަ އައުޓްލެޓްތަކަކީ މިނިވަންކޮށް ހިންގާ ފްރެންޗައިސްތަކެކެވެ.

ސަބްވޭގެ ފްރައިންޗައިޒެއް ހުޅުވުމަށް ކުރަން ޖެހޭ ހޭދަ އެހެން ފާސްޓްފުޑް ފްރެންޗައިޒްތަކާ އަޅާބަލާއިރު ކުޑައެވެ. މިއާއެކު ސަބްވޭގެ އައުޓްލެޓްތައް އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

އަދި 2000ގެ އަހަރުތަކުގެ ކުރީކޮޅު ސަބްވޭއިންވަނީ ސިއްހަތު ރަގަޅު ކެއުންތައް ޕްރޮމޯޓްކޮށްގެން ވިޔަފާރި ކުރިއަރުވާފައެވެ.

އެހެން ނަމަވެސް 2014ވަނަ އަހަރުގެތެރޭގައި ސަބްވޭއަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ސަބްވޭގެ، ސިއްހަތު ރަގަޅު ތާޒާތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ކެއުންތަކުގެ ކޮންސެޕްޓް އެހެން ކުންފުނިތަކުންވެސް ކޮޕީކުރަން ފެށިއެވެ. އެގޮތުން އެފަދަ އެހެން ކުންފުނިތަކާއި އެކު ސަބްވޭގެ މަރކެޓް ޝެއަރއަށް އަސަރުކުރަން ފެށިއެވެ. އަދި ކައިރިކައިރީގައި ގިނަ ޢަދަދެއްގެ ސަބްވޭ އައުޓްލެޓްތައް ހުޅުވުމުގެ ސަބަބުން ގެއްލުމާ ކުރިމަތިލާން ޖެހުނެވެ.

ސަބްވޭގެ ފްރެންޗައިޒް އައުޓްލެޓްތައް ހިންގާ ފަރާތްތަކަށް 2012ވަނަ އަހަރު ޢާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބިފައިވަނީ 482،000 ޑޮލަރެވެ. އެހެން ނަމަވެސް 2016ވަނަ އަހަރު މިއަދަދު ވަނީ 422،500 އަށް ދަށްވެފައެވެ.

ސަބްވޭއާ އެންމެ ވާދަވެރި ކުންފުނިތަކުގެތެރޭގައި ހިމެނޭ މެކްޑޮނަލްޑްސްގެ ފްރެންޗައިސް އައުޓްލެޓަކަށް އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 2.6 މިލިއަން ޑޮލަރު ލިބޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ފައިދާވާ މިންވަރު ދަށްވުމާއެކު ސަބްވޭގެ އައުޓްލެޓްތައް ބަންދުކުރާ މިންވަރުވަނީ އިތުރުވެފައެވެ.

އެހެންނަމަވެސް ސަބްވޭއިން ދަނީ ވިޔަފާރި އިތުރަށް ކުރިއަރުވައި ފައިދާވާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސަބްވޭގެ އައުޓްލެޓްތަކުގެ ޑިޒަންއަށް ބަދަލު ގެނެސް، ވައިފައިގެ ޙިދުމަތާއި، ފޯނުޗާޖު ކޮށްލުމުގެ ޙިދުމަތް މި އައު އައުޓްލެޓްތަކުން ލިބެން ހުންނާނެއެވެ.

2020ވަނަ އަހަރު ނިމޭއިރު ސަބްވޭގެ 10،000 އަށްވުރެ ގިނަ އައުޓްލެޓްތަކުގައި މި އައު ޑިޒައިން ބޭނުންކުރަން ފަށާނެއެވެ. އަދި މީގެ އިތުރަށްވެސް ސަބްވޭގެ މެނިއުއަށް ބަދަލު ގެނެސް، އާ ވަތްތަރުގެ ސަބްމެރިން ބާޒާރަށް ނެރުމަށްވެސް އެކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ.