ސިޔާސީ

ބަންދުގެ މުއްދަތު އިތުރުނުކޮށް އަދީބް ދޫކޮށްލަން ކޯޓުން އަމުރުކޮށްފި


ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިއާގެ ސޫތުކުޅިއަށް ވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ރާއްޖެ ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފިއެވެ.

އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން އޭނާ ދޫކޮށްލުމަށް ގާޒީ ކުރެއްވި އަމުރުގައިވަނީ، އަދީބުގެ ބަންދުގެ މުއްދަތު އިތުރުކޮށްދެވެން ނެތީ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކަނޑުގެ ސަރަހައްދަކުން ތުހުމަތެއްގައި މީހަކު ހައްޔަރުކުރެވޭ އިޖުރާއަތްތައް ބަޔާންކުރާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ ކަމަށެވެ. އެގޮތުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކުން މީހަކު ހައްޔަރުކުރެވޭނީ އެ ޤައުމެއްގެ ދިދަ ނަގާފައިވާ ނޫނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދަކުން ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

އަދީބު ދަތުރުކުރި ޓަގު ބޯޓުގައި ނަގާފައިވަނީ އިންޑިއާ ދިދައެއްކަމަށް ވެފައި އެ ބޯޓަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓެއް ނޫންކަމުން، ފުލުހުން އަދީބް އެ ބޯޓުން ހައްޔަރުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ޤާޒީ ވަނީ ހުކުމް ކުރައްވާފައެވެ.

މިރޭގެ މުއްދަތު މަޖިލީހުގެ ޝަރީއަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ވަކީލާއި ފުލުހުން ވެސް ވަނީ އަދީބު ހައްޔަރުކުރީ ރާއްޖޭ ސަރަހައްދުން ބޭރުން ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އަދީބު ހައްޔަރުކުރިއިރު ހުރީ އިންޑިއާ ދިދަ ޖެހި އުޅަނދެއްގައި ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

އަދީބު މާލެ ގެނެސްފައިވަނީ މިރޭ 10:30 ހާއިރުއެވެ. އަދީބު ރާއްޖެ ގެނެސްފައިވަނީ ކޯސްޓްގާޑް ޝިޕް ހުރަވީގައެވެ. އަދީބު ރާއްޖެ ގެނެސް ފުރަތަމަ ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށެވެ. ފުލުހުންގެ އިދާރާގައި ވަގުތުކޮޅަކު ބެހެއްޓުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް އަދީބް ކޯޓަށް ހާޒިރުކޮށްފައިވަނީ މިރޭ ބާރަ ޖަހާ އެހާކަންހާއިރުއެވެ.

އަދީބު ފިއްލައވައިގެން ވަޑައިގަތް ޓަގު ބޯޓު ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ. ފުރިއިރު، އެ ބޯޓުގައި ރާއްޖެއަށް އައި 9 މީހުންގެ ބަދަލުގައި 10 މީހުން ތިއްބެވެ. 10ވަނަ މީހަކީ އަދީބެވެ. ރާއްޖެއިން އިތުރު މީހަކު އެ ބޯޓަށް އެރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ އެބޯޓުގައި ހުރި އިންޑިއާ ފަޅުވެރިޔާއެވެ. އެޖެންޓް މެދުވެރިކޮށް، އިންޑިއާގެ ކަސްޓަމާއި ކޯސްޓްގާޑާއި ޖާސޫސީ އިދާރާތަކަށް އެންގުނުއިރު ބޯޓު ރާއްޖެއިން ފުރާފައިވާކަމަށް ބެލެވެއެވެ. އިންޑިއާގެ ފުލުހުންނަށް ބޯޓު އަތުވެފައިވަނީ އިންޑިއާގެ ޓްޓިކޮރި ނުވަތަ ސޫތުކުޅި އާއި ހަމައަށް ދަތުރުކުރިފަހުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އަދީބް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މި އުޅަނދަކީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ.

ފިއްލަވައިގެން ސޫތުކުޅިއަށް ވަޑައިގަތުމަށްފަހު އަދީބުވަނީ އިންޑިއާގެ ސިޔާސީ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ އަދީބްގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ބުނީ އޭނާ ޤައުމު ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާވުމުންކަމަށެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި އިންޑިއާއިންވަނީ އަޙްމަދު އަދީބު އަބްދުލްޣަފޫރަށް ސިޔާސީ ޙިމާޔަތްދިނުމަށް ދެކޮޅުހަދައި އިންޑިއާއިން ވަނީ އަދީބު އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.

އަޙްމަދު އަދީބު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ އެ މައްސަލަ އދ.އަށް ހުށައަޅަން އަދީބުގެ ބައިނަލްއަޤްވާމީ ޤާނޫނީ ޓީމުން ވަނީ އދ.އަށް ހުށައަޅާން ނިންމާފައެވެ.