ސިޔާސީ

ހުރިހާ ރިސޯޓެއްގައިވެސް އެއްހަމައަކުން ސަރވިސް ޗާޖް ދިނުން ލާޒިމްކުރަނީ


ހުރިހާ ރިސޯޓެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް އެއްހަމައަކުން ސަރވިސް ޗާޖް ދިނުން ލާޒިމްކުރުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފިއެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖް ދޭ އުސޫލް ދިރާސާކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށައެޅުއްވި މައްސަލަ އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ރިޕޯޓްގައި ވަނީ، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެއްވެސް ޤާނޫނެއްގައި ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމްކޮށްފައިނުވާކަމަށެވެ.

ސަރވިސް ޗާޖް ނެގުމަކީ ލާޒިމްކަމަކަށްނުވިނަމަވެސް ގިނަ ރިސޯޓްތަކުގައި ސާރވިސް ޗާޖްގެ ގޮތުގައި 10 އިންސައްތަ ނަގަމުންދާކަން ފާހަގަކުރައްވާ ކޮމިޓީގެ ރިޕޯޓްގައިވަނީ، ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓެއް އެއްހަމައަކުން ޢަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުން ރިސޯޓްތަކުން ސަރވިސް ޗާޖްނެގުން ލާޒިމްކުރުމަށް ކޮމިޓީއަށް ފެންނަކަމަށް ބުނެފައެވެ. އަދި ސަރވިސް ޗާޖްގެ ގޮތުގައި ނެގޭނެ އެންމެ މަދު މިންވަރަކީ 10 އިންސައްތަކަމަށް ކަނޑައަޅާ ޤާނޫނަށް އެ އިޞްލާހު ގެނައުމަށް ލަފާދިނުމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ކޮމިޓީން ވަނީ ޤާނޫނަށް އެ އިޞްލާޙު ގެނެސްފިނަމަ ބައެއް ރިސޯޓްތަކުން ސަރވިސްޗާޖް ނުދޭ މައްސަލައަށް ޙައްލެއް އަންނާނެކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ބައެއް ރިސޯޓްތަކުގައި ސާރވިސް ޗާޖް ނުދޭ މައްސަލައާއި، ސަރވިސް ޗާޖް ދިނުމުގައި ތަފާތުކުރުން ގެންގުޅޭ މައްސަލައަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަންނަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މަދު މިންވަރަކީ ދިހަ ހާސްކަމަށް ކަނޑައެޅުމަށް ބާރުއަޅަމުންނެވެ. ސަރުކާރުން ވަނީ "މިނިމަމް ވޭޖް" ނުވަތަ އެންމެ މަދު މިންވަރަށް އުޖޫރައިގެ ގޮތުގައި ދޭނެ ޢަދަދު ޤާނޫނުން ކަނޑައަޅާނެކަމަށް ވިދާޅުވެފައެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްހަމައަކުން ސަރވިސް ޗާޖް ދިނުން ލާޒިމްކުރުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ލަފާދިނުމަށް ނިންމާ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މާދަމާގެ ޖަލްސާގެ ތަޅުމަށް ހުށައަޅާ ބަހުސްކުރުމަށް ވަނީ ނިންމާފައެވެ.