ވިޔަފާރި

ދެވަނަ ކުއާޓަރގައި މީރާއަށް ލިބުނު އާމްދަނީ 14.1 އިންސައްތަ އިތުރުވެއްޖެ


މިއަހަރުގެ ދެވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި 3.99 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާއަށް ދެވަނަ ކުއާޓަރުގައި 3.99 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރގައި ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު، 14.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި ދެވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއާ އަޅާ ބަލާއިރު 6.7 އިންސައްތަ އިތުރުވުމެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން، އަހަރުގެ ދެވަނަ ކުއާޓަރުގެ ޓެކުހުގެ އާމްދަނީތަކުގެ ތެރެއިން، ބީ.ޕީ.ޓީ، ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓްތަކުގެ ކުލިން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

ދެވަނަ ކުއާޓަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ޖީ.އެސް.ޓީ އިންނެވެ. އެގޮތުން ލިބުނު ޖުމްލަ އާމްދަނީގެ 51 އިންސައްތަ ހިއްސާކޮށްފައިވަނީ ޖީ.އެސް.ޓީން ލިބުނު އާމްދަނީއެވެ. އެގޮތުން ޖީ.އެސް.ޓީން 2.05 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީގެ ގޮތުގައެވެ. އެއީ 513 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބަލައިގެންފައިވާ ޢާމްދަނީގެ ތެރޭގައި 160.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރގައި އެމެރިކާ ޑޮލަރުން ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ގްރީން ޓެކްސް އަދި ރިޒޯޓްތަކުގެ ކުލިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ. އެގޮތުން އެ ކުއާޓަރުގައި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ މިންވަރު %24 އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު މި ކުއާޓަރުގައި ހިންގަމުންދާ ރިޒޯޓްތައްވެސް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެތެރެއިން، އެއަރޕޯޓް ސަރވިސް ޗާޖްއާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން ލިބިފައިވާ އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރގައި އިތުރުވެފައެވެ.