ވިޔަފާރި

އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހުޅުވައިފި


ރ. އަތޮޅު ފަސްމެންދޫގައި ތަރައްޤީކޮށްފައިވާ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހުޅުވައިފިއެވެ.

މި ރިސޯޓް ހުޅުވާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ފަސް ތަރީގެ މިރިސޯޓަކީ 20 ހެކްޓަރު ރިސޯޓެކެވެ.

ރިސޯޓް ހުޅުވިއިރު ރިސޯޓުގައި 120 ވިލާ ހުންނާނެކަމަށް ރިސޯޓުން ބުނެއެވެ. އޭގެތެރޭގައި މޫދު ވިލާތަކާއި ބީޗް ވިލާތައް ހިމެނެއެވެ. އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަކީ އިނގިރޭސިވިލާތުގެ ދަ ލީޑިންގ ހޮޓެލްސް އޮފް ދަ ވޯލްޑް އިން ރާއްޖޭގައި ތަރައްޤީކުރި ރިސޯޓެކެވެ. މި ކުންފުނިން މިހާރުވެސް އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 400 އަށްވުރެ ގިނަ ހޮޓެލް އަދި ރިސޯޓް ހިންގަމުންނެވެ.

މިމަހުގެ 1 ވަނަ ދުވަހު މި ރިސޯޓް ހުޅުވާފައިވާއިރު، ދ. މާގައުގައި ތަރައްޤީކުރި ރިސޯޓްވެސް ވަނީ އެދުވަހު ހުޅުވާފައެވެ. ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އަލަށް 11 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 14 ރިސޯޓު އަލަށް ހުޅުވާފައިވާއިރު، މިއަހަރު ނިމޭއިރު، އަލަށް ހުޅުވާ ރިސޯޓްތަކުގެ އަދަދު 23 އަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.