ވިޔަފާރި

ބިދޭސީން ގެނައުމަށް ސައްޙަ ނޫން ލިޔެކިޔުންތައް ދަނީ ހުށަހަޅަމުން


ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ހުށައަޅާއިރު، ސައްޙަ ނޫން ލިޔެކިޔުންތައް ހުށައަޅާކަން ފާހަގަކުރެވެމުން އަންނަކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވޭ ހުރިހާ މަސައްކަތްތަކަށްވެސް ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލް އެ މިނިސްޓްރީން ދޫކުރަމުންދާކަމަށެވެ. އަދި އެ މިނިސްޓްރީން ދޫކުރާ ހުއްދަތައް އަވަސް އަދި ފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމްވެސް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ކޯޓާ އަދި އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދޭ ފަރާތަކުން، ސައްޙަ ނޫން ލިޔުމެއް ހުށައަޅައިފިނަމަ، އެ ފަރާތަކާ މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ. އެހެންކަމުން ބިދޭސީން ކޯޓާ ހޯދުމަށް ސައްޙަ ނޫން ލިޔެކިއުންތައް ހުށަނޭޅުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.