ވިޔަފާރި

ދ.މާގައުގައި ތަރައްޤީކުރި ބަލޫނީ ރިސޯޓް ހުޅުވައިފި


ދ. އަތޮޅު މާގައުގައި ތަރައްޤީކުރި ބަލޫނީ ރިސޯޓް ހުޅުވައިފިއެވެ.

މި ރިސޯޓަކީ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ބަލޫނީ ހޮޓެލްސްއިން ރާއްޖޭގައި ތަރައްޤީކުރި ރިސޯޓެކެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. އަދި މިއީ އިޓަލީގެ ކުންފުންޏަކުން ރާއްޖޭގައި ތަރައްޤީކުރާ ފަސް ތަރީގެ ފުރަތަމަ ރިސޯޓްވެސްމެއެވެ. މި ރިސޯޓް ހުޅުވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

މި ރިސޯޓުގައި ޖުމްލަ 96 ވިލާ ހުރެއެވެ. އޭގެތެރޭގައި ބީޗް ވިލާއާއި، އޯވަރ ވޯޓާ ވިލާގެ އިތުރުން ގާޑަން ވިލާ ހިމެނެއެވެ. މީގެއިތުރުން ފެމިލީ ބީޗް ވިލާއާއި، ސްޕަރ ލަކްސް ޕްރެޒިޑެންޝިއަލް ވޯޓަރ ވިލާ ވެސް މި ރިސޯޓުގައި ހުރެއެވެ.

މި ރިސޯޓުގައި ތިން ރެސްޓޯރެންޓާއި ސްވިމިން ޕޫލާއި، ސްޕާގެ އިތުރުން ޑައިވް ސެންޓަރެއް ހުންނާނެއެވެ. ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި މިރިސޯޓަށް 40 މިނެޓުން ދެވޭނެއެވެ. ބަލޫނީ ހޮޓެލްސްއިން މިހާރުވެސް އަންނަނީ ޔޫރަޕްގެ އެކި ހިސާބުތަކުގައި 9 ލަގްޒަރީ ހޮޓެލް ހިންގަމުންނެވެ.