ޚަބަރު

މެރިން ސައިންސް ކޭމްޕް - ޢަމަލީ ތަޖުރިބާ ކޮށްލުމަށް ދަރިވަރުންނަށް ލިބޭ މުހިންމު ފުރުސަތެއް


ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް ޢަމާޒުކޮށްގެން ފިޝަރީޒް މިނިސްޓްރީއިން ބާއްވަމުން އަންނަ މެރިން ސައިންސް ކޭމްޕްގެ މިއަހަރުގެ ދެވަނަ ކޭމްޕް ކ.ތުލުސްދޫގައި ފަށައިފިއެވެ. މި ކޭމްޕްގައި މަސްވެރިކަމާއި ވަށައިގެންވާ ތިމާވެއްޓާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް މިހާތަނަށް ދަރިވަރުންނަށް ވަނީ ދީފައެވެ.

ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް ކުރިއަށްގެންދާ މެރިން ސައިންސް ކޭމްޕަކީ މަސްވެރިކަމުގެ ދާއިރާއާއި، ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށީގެ މާހައުލާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށްދީ އެކަންކަން ޢަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދިނުމަށް ބާއްވާ ކޭމްޕެކެވެ. މި ކޭމްޕްގެ މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާއާއި، ތިމާވެށީގެ ކަންކަމަށް ކުދިންގެ ޝަޢުގު އުފައްދާ މި ދާއިރާގައި މަސައްކަތް ކުރާ ދިވެހި ޒުވާނުންގެ އަދަދު އިތުރު ކުރުމެވެ. މިއަހަހަރުގެ 2 ވަނަ މެރިން ސައިންސް ކޭމްޕް ބާއްވަނީ ކ.ތުލުސްދޫގައެވެ.

ތުލުސްދޫގައި ފަށައިގެން ކުރިއަށްދާ މެރިން ސައިންސް ކޭމްޕްގެ ފުރަތަމަ ބައި ކުރިއަށް ގެންގޮސްފައިވަނީ މާލެ އަތޮޅު ހުރާގައެވެ. ދެވަނަ ބަޔަކަށް ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ މެންގްރޫވް ނުވަތަ ކުޅިތަކާއި ގުޅޭ މަޢުލުމާތުދީ މާޙައުލު ތަޖުރިބާކޮށްލުމުގެ ސެޝަނެކެވެ. މި ސެޝަންގައި ކުޅި މާޙައުލާއި، ކުޅީގައި އުފެދޭ ގަސްގަހާ ގެހީގެ ބާވަތްތަކާއި، ކުޅީގައި އުޅޭ ދިރުންތަކާއި، އެ ތަކެތި ތިމާވެއްޓަށް މުހިންމުވާ ސަބަބުތައްވަނީ ދަރިވަރުންނާއި ޙިއްސާކޮށްފައެވެ.

ހުރާގައި ކުރިއަށްގެންދިޔަ ދެވަނަ ސެޝަނަކީ ސީގްރާސް ނުވަތަ މޫދު ވިނައާއި ގުޅޭ މަޢުލޫމާތު ދިނުމާއި މޫދު ވިނަ އުފެދޭ ސަރަޙައްދެށް ބަލާލަން ދަރިވަރުން ދިއުމެވެ. މި ސެޝަންގައިވަނީ މޫދުވިނައިގެ ސަބަބުން ކަނޑުގެ ދިރުންތަކަށްވާ ފައިދާ ތަކާއި، އަދި އެކަމުން ރަށްތަކަށާއި އިންސާނުންނަށް ލިބޭ ފައިދާތަކާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކް ވިދާޅުވީ މިފަދަ ކޭމްޕެއް މިނިސްޓްރީއިން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ނަގައިދޭ ފިލާވަޅުގެ އިތުރަށް ކުދިންނަށް އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުންކަމަށެވެ. އަދި ޢަމަލީ ތަޖުރިބާގެ ސަބަބުން ކުދިން ކަންކަން ނަގައިގަނެވޭލެއް އަވަސްކަން އާދަމް މަނިކު ފާހަގަކުރެއްވިއެވެ.

"ޕްލޭންކްޓަން ކަލެކްޝަން، ގޮނޑުދޮށަށް އަންނަ ބަދަލުތައް ދެނެގަންނާނި ގޮތާއި، ލޭނު މަސްވެރިކަމާއި ތުތި ބޯވަ ދިލަމަސް ބޭނުން ތަޖުރިބާކުރުމުގެ ފުރުސަތު އެބަލިބޭ ކުދިންނަށް." އާދަމް މަނިކް ވިދާޅުވިއެވެ.

ކޭމްޕްގައި ބައިވެރިވި ކުދިންވަނީ، ތިމާވެށި މާޙައުލުގައި ދިރުންތައް ހުރި މިންވަރު ބަލާނި ގޮތްތަކުގެ މެޝަމެންޓް ނަގާނި ގޮތްތައްވެސް ދަސްކޮށްފައެވެ. އަދި ދިޔަވަރަށް އަންނަ ބަދަލާއި، ގޮނޑުދޮށަށް އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްވެސް ދަސްކޮށްފައެވެ.

މިކޭމްޕްގައި ޣާޒީ ސްކޫލް ހިރިޔާ ސްކޫލް، މުޙިއްޔިއްދީން ސްކޫލް އަދި ކ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހިމެނޭހެން 58 ދަރިވަރުންވަނީ ބައިވެރިވެފައެވެ. މެރިން ސައިންސް ކޭމްޕްގެ މިއަހަރުގެ ފުރަތަމަ ކޭމްޕް ބާއްވާފައިވަނީ ކ.ހިއްމަފުށީގައެވެ.