ރާއްޖޭގެ ރިސޯޓުތަކާއި އަމިއްލަ ވިޔަފާރީގެ އިސް މަޤާމުތަކަށް ދިވެހިންގެ ބަދަލުގައި ބިދޭސީން އައްޔަންކުރުމުގެ ޝަކުވާތަކަށް ނިމުމެއް އައިސްފައިނުވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ސަދަން ބިޒްނަސް އެކްސްޕޯގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ ރާއްޖޭގައި މެނޭޖަރުން ފެންވަރުގެ ވަޒީފާތަކަށް ދިވެހިން ނެރުމަކީ ބޭނުންތެރިކަމެއްކަމަށެވެ. މިފެންވަރުގެ ވަޒީފާތަކަށް ކޮންމެހެން ބިދޭސީއަކު މުހިއްމު ވެއްޖެނަމަ، އެއާ ޖެހިގެން ދެން އޮތް އެންމެ މަތީ މަޤާމަކަށް ދިވެއްސަކު އިޚުތިޔާރު ކުރުމަކީކުރަން ޖެހިފައިވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކި ދާއިރާތަކުން މަތީ މަޤާމުތައް ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.
މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާގެ ސްކިލް ޑިވެލޮޕްމެންޓް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ 7 ސަރަހައްދެއްގައި ސްކިލް ޑިވެލޮޕްމެންޓް ސެންޓަރުތައް ޤާއިމުކޮށް، މަތީ މަޤާމުތަކުގެ ހުނަރުތައް ދަސްކޮށް ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާކަމުގައެވެ. މީގެ އިތުރުން ވަޒީފާ ބޭނުންވެފައި ތިބި މީހުން ދެނެގަތުމަށް ޖޮބް ސެންޓަރ ކިޔާ ޕޯޓަލްއެއް ތައްޔާރު ކުރާނެ ކަމަށާއި ވަޒީފާ ބޭނުންވާ ދިވެހިން އެޕޯޓަލްގައި ރެޖިސްޓްރީ ކުރެވޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ އިޤްތިޞޯދު ކުރިއެރުމަށް ބަލާއިރު ދިވެހި ރާއްޖޭގެ ވަޒީފާ ނެތް އެންމެން ވަޒީފާ އަދާ ކުރި ކަމުގައި ވިޔަސް އަދިވެސް އިޤްތިޞޯދަށް ބޭނުންވާ ވަރަށް މީހުން ހަމަ ނުވާނެ ކަމަށެވެ. އެހެން ކަމުން ވަކި ހިސާބަކުން އިޤްތިޞޯދު ކުރިއަށް ގެންދަން ޖެހޭ މިންވަރު ކަނޑައަޅަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.