ސިޔާސީ

ރައްޔިތުން އެދޭ ތަރައްޤީ ނުގެނެވޭނަމަ ސިޔާސީ މައިދާނުގައި ފެއިލް ވާނެ - ސަޢީދު


ރައްޔިތުންގެ އިޚްސާސްތައް ޤުޅިފައިވަނީ ތަރައްޤީއާއި ކަމަށާއި އެކަން ނުކުރެވޭ ބަޔަކު ސިޔާސީ މައިދާނުގައި ފެއިލްވާނެކަމުގައި މާވަށުދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ސިޔާސީގޮތުން ހޯދޭ އެންމެބޮޑު ކާމިޔާބީއަކީ ޤައުމު ތަރައްޤީ ކުރުންކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ސިޔާސީ ފަރާތްތައް ކުރާ ކަންކަން ބެލުމަށް ނޫންކަމަށާއި، ޤައުމަށް އަންނަ ތަރައްޤީއާއި، ކުރިއެރުމަކީ ސިޔާސީ ކަންކަން ނިންމުމުގައި ރައްޔިތުން އެންމެބޮޑަށް ބަލާ ކަންތައްކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން ނިމިދިޔަ ވެރިކަމުގައި ޤައުމަށް ތަރައްޤީގެ ބޮޑު އިންގިލާބެއް ގެނައިކަމަށާއި އިންތިޚާބުން ބަލިވީ ވަރަށްގިނަ ސަބަބުތަކެއް އެކަމުގައި އެލެވިގެންކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއަދު އިދިކޮޅު ފަރާތެއްގެ ގޮތުގައި ޕީޕީއެމް ޕީއެންސީން ހަރަކާތްތެރިވާއިރު އަޑު މަޑުކޮށް ފެންނަނީ ސަރުކާރަށް ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދެވޭތީ ކަމަށާއި، މަޖިލިސް ތެރެއިންނާއި މަޖިލީހުގެ ބޭރުންވެސް ސަރުކާރު ޒިންމާދާރު ކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމުގައި އެންމެއެކަށީގެންވާ މަސައްކަތް ނުކުރެވެނީ މެމްބަރުން މަދުވުމުން ކަމަށާއި، ނަމަވެސް މެމްބަރުން ތިބި އަދަދަށްބަލާއިރު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭކަމަށެވެ. އަދި ސަރުކާރަށް މަޖިލިސް ތެރެއިންވެސް އަދި ބޭރުންވެސް ކަންކަން ނުކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.