ވިޔަފާރި

ސިންގަޕޫރުގައި ކުރިއަށްދާ ނާޓާސް ހޮލިޑޭ އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސިންގަޕޫރުގައި ބާއްވާ ނާޓާސް ހޮލިޑޭ އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި އެކްސްޕޯގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 5 ކުންފުންޏަކުން ބައިވެރިވެއެވެ. މިއީ މި އެކްސްޕޯގައި އެމްއެމްޕީއާރުސީން ބައިވެރިވި ފުރަތަމަ ފަހަރެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ނާޓާސް ހޮލިޑޭ އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެފައިވާ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

މިއެކްސްޕޯގައި ރާއްޖެ ތަމްސީލްކުރުމަށްޓަކައި ހަދާފައިވާ ސްޓޭންޑު ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ރަމްޒްކޮށްދޭ ގޮތަށެވެ. އަދި ދިވެހި ކާނާ ރަހަބެލުމުގެ ފުރުސަތާއި، ދިވެހި ރާއްޖޭގެ ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ވަރޗުއަލް ރިއަލިޓީ މެދުވެރިކޮށް ބަލާލުމުގެ އިންތިޒާމް ސްޓޭންޑުގައިވަނީ ހަމަޖެހިފައެވެ.

އަދި ރާއްޖޭގެ މިއުޒިކް ބޭންޑެއް ކަމުގައިވާ ކްލިއޯގެ ލައިވް ހަރަކާތްތައް ސްޓޭންޑުގައި ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރުސީއިން ހާމަކުރެއެވެ.

މި އެކްސްޕޯގައި ސިންގަޕޫރުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ރާއްޖެ އިތުރަށް އިޝްތިހާރު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

1987 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ނާޓާސް ހޮލިޑޭ އެކްސްޕޯ އަކީ ސިންގަޕޫރުގެ ފަތުރުވެރިންނާއި، އާސިއާންގެ ޓްރެވަލް އިންޑްސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި މަޤްބޫލް އެކްސްޕޯއެކެވެ. މިއީ އަހަރަކު 2ފަހަރު ބާއްވާ އެކްސްޕޯއެކެވެ.

އެވްރެޖްކޮށް ކޮންމެ އަހަރަކު 2.4 މިލިއަނަށްވުރެ ގިނަ މީހުން ނާޓާސް ހޮލިޑޭ އެކްސްޕޯއަށް ޒިޔާރަތްކުރާކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސިންގަޕޫރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަހަރު ޖޫންމަހުގެ ނިޔަލަށްވަނީ 17.7% އިތުރުވެފައެވެ.