މުނިފޫހިފިލުވުން

އަހަރުތަކަަކަށްފަހު އާމިރު ޚާން، ނެގެޓިވް ރޯލަކުން


އަހަރުތަކަކަށްފަހު ނެގެޓިވް ރޯލެއް ކުޅުމަށް ބޮލީވުޑް ސުޕަރ ސްޓާރުންގެ ލިސްޓުގައި ގުނާލެވޭ ތަރިއެއްކަމަށްވާ އާމިރު ޚާން އެއްބަސްވެއްޖެއެވެ.

ބޮލީވުޑާއި ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ފިލްމް ފެއަރއިން ރިޕޯޓުކޮށްފައިވާގޮތުން އާމިރު ނެގެޓިވް ރޯލަކުން ފެނިގެންދާނީ ތަމަޅަ ފިލްމެއްގެ ހިންދީ ރީމޭކަކުންނެވެ. 2017 ވަނަ އަހަރު ނުކުތް ކާމިޔާބު ތަމަޅަ ފިލްމް "ވިކްރަމް ވޭދަ"ގެ ހިންދީ ރީމޭކުން އާމިރު ޚާންގެ އިތުރުން ސައިފް ޢަލީ ޙާންވެސް ފެނިގެންދާނެއެވެ.

"ވިކްރަމް ވޭދަ"ގެ ހިންދީ ރީމޭކް "ވިކްރަމް ވެޑާ"ވެސް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ތަމަޅަ ފިލްމުގެ ޑައިރެކްޓަރ ގަޔާތްރީ ޕުޝްކާރެވެ. ނީރަޖް ޕާންޑޭ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މި ފިލްމް ކުޅުމަށް އާމިރާއި ސައިފުވެސް އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މި ފިލްމް ސްކްރީނަށް އަންނާނެކަމަށް ލަފާކުރެވެނީ 2020 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

ވާސަޓެއިލް އެކްޓަރެއްގެ ގޮތުގައި މަޝްޙޫރުވެފައިވާ އާމިރު ޚާން މީގެ ކުރިންވެސް ވަނީ ބައެއް ފިލްމްތަކުން ނެގެޓިވް ރޯލުތަކުން ފެނިގެންގޮސްފައެވެ. އޭގެ ތެރޭގައި "އާތަންކް ހީ އާތަންލް" އަދި "ރާކްޙް" ފަދަ ފިލްމްތައް ހިމެނެއެވެ. ނަމަވެސް އޭނާ މިފަދަ ރޯލަކުން ނުފެންނަތާ މިހާރުވަނީ އަހަރުތަކެއް ވެފައެވެ.

އާމިރު ޚާން މިހާރުވެސް އަންނަނީ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. "ލާލް ސިންގް ޗައްދާ" މި ނަމުގައި 2020 ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އާމިރާއެކު ފެނިގެންދާނީ ކަރީނާ ކަޕޫރް ޚާނެވެ. މިއީ އައި.ކިއު ލެވެލް ދަށް މީހެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.