ޚަބަރު

ތިނަދޫއަށް ވަރަށް ބޮޑަށް އުދަ އަރައި، ޖެޓީ ސަރަހައްދުގަައި ފެންބޮޑުވެއްޖެ


ގދ. ތިނަދުއަށް ވަރަށް ބޮޑަށް އުދަ އަރައި އެރަށު ޖެޓީ ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް އަސްއަދު ވިދާޅުވީ ތިނަދޫއަށް އުދަ އަރަމުންދާތާ ދެ މަހެއްހާ ދުވަސްވެފައިވާކަމަށެވެ. ނަމަވެސް މިއަދު އުދަ އަރާފައިވަނީ މީގެ ކުރިން އަރާ ވަރަށް ވުރެ ބޮޑަށް ކަމަށެވެ. އަދި ކަނޑު ގަދަވެ އުދަ އަރަމުންދާއިރު ރަށުގެ ފަޅުގައި އަޅާފައިހުރި ބައެއް ލޯންޗްފަހަރަށްވެސް ގެއްލުންވަމުންދާކަމަށެވެ.

އަސްއަދު ވިދާޅުވީ މިކަން މިހާރު އެމްއެންޑީއެފާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކުރެވޭކަމަށެވެ.

މީގެ ކުރިން 2018 ވަނަ އަހަރުވެސް ތިނަދޫއަށް އުދަ އަރާފައިވެއެވެ. އަދި މިއަހަރުވެސް އުދަ އަރަމުންދާއިރު އާންމުކޮށް އެރަށަށް އުދަ އަރަނީ ޖެޓީ ސަރަހައްދަށެވެ.