ކުޅިވަރު

ގޯލްޑަން ޖުބުލީ އިންވިޓޭޝަން ކަޕް: އިހަވަންދޫ ސްކޫލުން ފެށުން ރަނގަޅުކޮށްފި


މިއަދު ހަވީރު ކުޅެވުނު ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒު 1-0 އިން ބަލިކޮށް އިހަވަންދޫ ސްކޫލުން ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު މެޗުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައި އިހަަވަންދޫ ސްކޫލަށް ޖަހައިދިނީ މުޙައްމަދު އާލިމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހއ އަތޮޅު ތަޢުލީމީ މަރުކަޒުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކި އިހަވަންދޫ ސްކޫލްގެ ގޯލް ކީޕަރ ޙުސައިން ސާނިދެވެ.

އިހަވަންދޫ ސްކޫލުގެ އިތުރުން މާރަންދޫ ސްކޫލް، ހއ. އަތޮޅު މަދަރުސާ އަދި ހއ. އަތޮޅު ތަޢުލީމީ މަރުކަޒް ވާދަކުރާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއެވެ. މި ރަސްމިއްޔާތުގައި ހައުސިންގެ މިނިސްޓްރީގެ ސީނިޔަރ އެގްޒެކްޓިވް ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު އާރިފު ބައިވެރިވެލެއްވިއެވެ.

ހއ އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިގެން މިފަދަ ހަރަކާތެއް ކުރިއަށް ނުގެންދާތާ ޒަމާންތަކެއް ވެއްޖެކަން ފާހަގަކުރައްވައި ޝަރަފުވެރި މެހެމާން ވިދާޅުވީ އިހަވަންދޫ ސްކޫލުން މި ނެންގެވި އިސްނެގުމަކީ އެކަމުގެ ސަބަބުން ސްކޫލުތަކަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއް ކަމަށެވެ.

މިއަދު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 3 ވަނަ ދުވަހުގެ ހަވީރެވެ.