ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްއަށް ފުރާ ވަޑައިގެންފި


ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންނެވިއިރު، އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމާ، ދެޤައުމުގެ މެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައެވެ.

މިއީ ރައީސުލް ޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން އެމަނިކުފާ ރަސްމީ ދަތުރުފުޅުގައި ވައިޑައިގަންނަވާ ބޭރުގެ 7 ވަނަ ޤައުމުކަން ފާހަގަކޮށްލެވެއެވެ.