ވިޔަފާރި

ނަމޫނާއަކަށް ބަލަންވީ ބޫޓާން


ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެތަފާތު އެއް ޤައުމަކީ ބޫޓާނެވެ. އިޤްތިސާދީގޮތުން ކުރިއަރާފައިވާ ދެޤައުމުކަމުގައިވާ ޗައިނާއާއި އިންޑިއާގެ ބޯޑަރު ހިއްސާކުރާ ބޫޓާނަކީ އެ ދެޤައުމާ އަޅާ ބަލާއިރު ބޫޓާނަކީ އިޤްތިސާދީގޮތުން މާބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެއް ނޫނެވެ.

ބޫޓާނުގެ ސަރުކާރުން އެޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް އެހައި ބޮޑުއިސްކަމެއް ނުދެއެވެ. އެޤައުމުގެ ސަރުކާރަށް އިޤްތިސާދު ކުރިއެރުވުމަށްވުރެ، ޤައުމުގެ ރައްޔިތުނަކީ ހިތްހަމަޖެހިގެން ތިބެ، އުފާވެރި ދިރިއުޅުމެއް ހޭދަކުރާ ބަޔަކަށް ހެދުމާއި، ޤައުމުގެ ތިމާވެށި ޙިމާޔަތްކޮށް ކުރިއަށްއޮތް ޖީލްތަކަށް ވާސިލްކޮށްދިނުން މާމުހިންމެވެ.

ބޫޓާނަކީ ޤުދުރަތީގޮތުން ރީތި ޤައުމެކެވެ. ފަތުރުވެރިކަން ރަގަޅަށް މާރކެޓް ކުރެވިއްޖެނަމަ އިޤްތިސާދީގޮތުން ބޮޑު މަންފާއެއްވެސް ކުރާނެެއެވެ. 1974ވަނަ އަހަރު ބޫޓާން ފަތުރުވެރިންނަށް ހުޅުވާލިއިރު، އެޤައުމަށް ދެވެނީ ހަމައެކަނި ދައުވަތުދީފައިވާ މީހުންނަށް އެކަންޏެވެ. އެހެން ނަމަވެސް މިހާރު ބޫޓާންވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެެވެ. އެހެން ނަމަވެސް އެޤައުމުގައި ފަތުރުވެރިއަކު ހޭދަކުރާ ކޮންމެ ދުވަހަކަށް 250 ރުފިޔާ ދައްކަންޖެހެއެވެ. މި ފީގެ ތެރޭގައި ބޫޓާންގައި ހޭދަކުރާ ދުވަސްތަކުގެ ކެއުމާއި ހުރުމާއި ދަތުރުފަތުރުގެ ޚަރަދުތައް ހިމެނެއެވެ.

ބޫޓާންގެ ސަރުކާރު ހިންގަމުންދަނީ ވަރަށް ތަފާތު ކޮންސެޕްޓަކަށެވެ. އެހެން ޤައުމުތަކުގައި އިޤްތިސާދީ ކުރިއެރުން ބަލާ މިންގަނޑަކީ "ގްރޮސް ނެޝަނަލް ޕްރޮޑަކްޓް"އެވެ. ނަމަވެސް ބޫޓާނުގައި ބޭނުންކުރަނީ "ގްރޮސް ނޭޝަނަލް ހެޕިނަސް"އެވެ. މީގައި ބަލާ ކަންތައްތަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމާއި ތިމާވެށި ޙިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސަޤާފީ ކަންތައްތައް ދިރުވައި އާލާކުރުމެވެ.

ބޫޓާނުގައި ސިގެރެޓް ބުއިމާއި ސިގެރެޓްގެ ވިޔަފާރި ކުރުން އަދި ސިގެރެޓް އުފެއްދުން މަނައެވެ. 2010ވަނަ އަހަރު ފާސްކޮށްފައިވާ ޓޮބޭކޯ ކޮންޓްރޯލް އެކްޓްގެ ދަށުން ސިގެރެޓް ބުއިމާއި ސިގެރެޓްގެ ވިޔަފާރިކުރާ ފަރާތްތަކަށް ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ބޫޓާންގައި ދެން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޓީވީއާއި އިންޓަރނެޓްފަދަ ޚިދުމަތްތަކާ ދުރުކަމެވެ. އެގޮތުން 1999ވަނަ އަހަރާހަމައަށް އެޤައުމުގައި ޓީވީގެ ޚިދުމަތެއް ނުލިބެއެވެ. އަދި މިހާރުވެސް އެޤައުމުގައި ޓީވީގެ ޚިދުމަތް ލިބުނު ނަމަވެސް ލިބެނީ މަދު ޗެނަލްތަކެކެވެ. އަދި ޓީވީގެ ފެންވަރަށް ބަލާއިރުވެސް، ގިނަ ގޭގައި ބޭނުންކުރަނީ އިހުގެ ޓީވީތައްކަން ފާހަގަކޮށްލެވެއެވެ.