ދުނިޔެ

ނޭޕާލަށް ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން- ނޭޕާލް


ނޭޕާލަށް އައި ބިންހެލުންތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރުމުގެ މަސައްކަތަށް ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.ނޭޕާލުގެ މާލީ ވަޒީރު ރާމް ޝަރަން މަހަތް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލެއްވީ ނޭޕާލަށް އެހީތެރިވުމުގެ ގޮތުން އެގައުމަށް ދިނުމަށް ވަޢުދުވެފައިވާ މާލީ އެހީތައް އަވަސްގޮތެއްގައި ދިނުމަށެވެ.ނޭޕާލަށް އައި ބިންހެލުންތަކުގެ ތެރެއިން އެންމެ ބާރުގަދަ ދެބިން ހެލުމަށް މިހާރު މަސްދުވަސްވެފައިވާއިރު ޙާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާއި  ކާބޯތަކެއްޗާއި ބޭސް ފަރުވާ ފޯރުކޮށްދިނުމުގެ ކަންތައް އެދެވޭގޮތެއްގައި ކުރިޔަށް ނުދާކަމަށް ޚަބަރުލިބެއެވެ.ނޭޕާލުގެ މާލީ ވަޒީރު ރާމް ޝަރާން މާހާތް ވިދާޅުވީ ބިންހެލުންތަކާ ގުޅިގެން އަވަސްއެހީގެ ގޮތުގައި 500 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް ދުނިޔޭގެ ގައުމުތަކުން ވައުދުވެފައިވާއިރު މީގެތެރެއިން 10 އިން ސައްތައަށްވުރެވެސް މަދު މިންވަރެއްގެ އެހީ ނޫނީ އަދި ލިބިފައި ނުވާކަމަށެވެ.އޭނާ ވިދާޅުވީ ކާބޯތަކެއްޗާއި ވަގުތީ ފޭލިގެތަކާއި ބޭހާއި އަންނައުނު ފަދަ އިންސާނީ އެހީ މައިގަނޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދަނީ އދ. ންނާއި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ކަމަށާ އެފަރާތްތަކުން އެހީގެ ތަކެތި ބަހަމުން ގެންދަނީ ނޭޕާލް ސަރުކާރު މެދުވެރިކޮށްގެން ނޫންކަމަށާ އެޖަމާއަތްތަކުން އަމިއްލައަށް ކަމަށެވެ. މިކަމުގެ ސަބަބުންވެސް އިންސާނީ އެހީގެ ކަންތައްތައް ލަސްވަމުންދާކަމަށް ރާމް ޝަރާން ވިދާޅުވިއެވެ.ނޭޕާލުގެ މާލީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ހާލުގައިޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ނޭޕާލް ސަރުކާރުން ގެންގުޅޭ ގޮތްތަކަށް ބައިނަލްއަގްވާމީ ފާޑުކިޔުންތައްވެސް ދަނީ އަމާޒުވަމުންނެވެ.މިދިޔަ އެޕްރީލް މަހުގެ 25 ގައި ނޭޕާލަށް އައި ބާރުގަދަ ދެ ބިންހެލުމާއި އެއަށްފަހު އައި ކުދިކުދި ބިންހެލުންތަކުގައި ނުވަ ހާހެއްހަށްވުރެ ގިނަ މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ގެއްލިފައިވެއެވެ. އަދި ގެދޮރު ހަލާކުވުމުގެ ސަބަބުން ދެލިޔަނަށްވުރެ ގިނަމީހުން މަގުމަތިވެ ހާލުގައި ޖެހިފައިވެއެވެ.ނޭޕާލަށް އަވަސްއެހީ ފޯރުކޮށްދިނުމަށްޓަކައި އދ. ން ވަނީ އަވަސްއެހީގެ ގޮތުގައި 411 މިލިޔަން އެމެރިކާ ޑޮލަރު އދ. ގެ އެކައުންޓްތަކަށް ޖަމާކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.