ސިޔާސީ

ކައުންސިލުތައް ބާރުވެރިކުރުވުމަށް ރާވާފައިވާ ޕްލޭން ވަރަށް އަވަހަށް ތަންފީޒްވާނެ- ރައީސް


ކައުންސިލުތައް ބާރުވެރިކުރުވުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭން ވަރަށް އަވަހަށް ތަންފީޒް ވެގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބ.އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް ދެއްވައިފިއެވެ.

މި ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީފެ 5 ރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެ އަތޮޅު ދޮންފަނަށާއި، ކިހާދޫއަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. މިއީ ފާއިތުވި ވިހި އަހަރުދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަކު ދޮންފަނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުކުރެއްވުންތަކުގައި ކައުންސިލްތަކުން ވަނީ، ބަނދަރު ހަލާކުވެ މާރާމާތަށް ބޭނުންވެފައިވުމާއި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ މި ނޫންވެސް ތަރައްޤީގެ މަޝްރޫޢުތަކާއި ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން އަތޮޅުގެ އެކި ރަށްރަށުގައި ހުރި ކަންބޮޑުވުންތަކާއި އަތޮޅުތެރޭގެ ފެރީގެ ނިޒާމު ހަރުދަނާކޮށް މިހާރަށްވުރެ ފަސޭހަގޮތެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް މިއަދު ވަޑައިގެންނެވި ދޮންފަނާއި، ކިހާދޫގެ ބަނދަރު 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު އެއްވެސް މަރާމާތެއް ނުކުރެވިފައިވުމުން ކައުންސިލްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރަށްގިރުމުގެ މައްސަލަތައްވެސް ކައުންސިލްތަކުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ ކައުންސިލު ހިންގުމުގައި ހުރި ދަތިމައްސަލަތައްވެސް ރައީސާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކައުންސިލުތައް ބާރުވެރިކުރުވުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭންތަކާއި ކުރިމަގުގައި ފެނިގެންދާނެ ބަދަލުތަކާބެހޭ މަޢުލޫތު ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ބައެއް މައްސަލަތައް ޙައްލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާއި އެމަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ރައީސް ވަނީ ކައުންސިލަރުންނާއި ޙިއްޞާކުރައްވާފައެވެ. ރައީސް ވަނީ ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ކިހާދޫގައި ހުންނަ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް)އަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. ރައީސް ވަނީ ޓިވެކްގައި ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީން ހޯދަމުންދާއިރު އެތަނަށް ދިމާވެފައިވާ ދަތިތަކާއި މުސްތަޤްބަލުގައި ކުރަން ރާވާފައިވާ ކަންކަންވެސް އޮޅުންފިލުއްވާފައެވެ.

ކިހާދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ވަނީ އެމަނިކުފާނު ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައެވެ. ރައީސްގެ ދަތުރުފުޅުިގައި އިއްޔެވަނީ ބ.ފެހެންދުއާއި ފުޅަދުއާއި އޭދަފުށްޓަށްވެސް ވަޑައިގެންފައެވެ. އަދި ބ.އަތޮޅުގެ ސިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.