ވިޔަފާރި

ސަފާރީތައް އިޝްތިހާރުކުރުމަށް ރޯޑްޝޯތަކެއް ބާއްވަނީ


ރާއްޖޭގެ ސަފާރީތައް އިޝްތިހާރުކުރުމަށް އަންނަ އަހަރު ރޯޑްޝޯތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މިގޮތައް ހަމަޖައްސާފައިވަނީ ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނާއިއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ. އަދި ބޯޓިންގ އެސޯސިއޭޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް ހަމީދެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބޯޓިން އެސޯސިއޭޝަނުން ބުނީ، ރާއްޖޭގެ ސަފާރީ އުޅަނދުތައް އިޝްތިހާރުކުރުމަށް އަދި ރާއްޖެއިން އެއްވެސް ފެއަރއެއްގައިވެސް ބައިވެރިނުވާކަމަށެވެ. ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަށް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމާއިބެހޭ ރަނގަޅު މައުލޫމާތު ނޭނގޭކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. ނަމަވެސް ސަފާރީ ތަކުގައި ޗުއްޓީ ހޭދަކުރާނަމަ މުޅި ރާއްޖެ ބަލާލުމުގެ ފުރުސަތު ލިބިގެންދާކަމަށާއި ސަފާރީ އިންޑަސްޓްރީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއެރުވިދާނެ ސިނާއަތެއްކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ކްރޫޒް ޑެޝްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އަންނަ އަހަރުން ފެށިގެން ރޯޑްޝޯތަކެއް ބާއްވާއިރު، މި ރޯޑްޝޯތައް ބޮޑަށް އަމާޒު ކުރާނީ ސައުތު އީސްޓް އޭޝިޔާގެ ސަރަހައްދަށެވެ. ނަމަވެސް ޔޫރަޕް ހިސާބުގައިވެސް މި ރޯޑްޝޯތައް ބާއްވާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.