ވިޔަފާރި

ބީއެމްއެލްއިން ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް ފާސްކޮށްފި


ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

ބީއެމްއެލްގެ ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް ނިންމާފައިވަނީ ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ބޭންކްގެ މިދިޔަ އަހަރުގެ އަހަރީ އާއްމުޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. ބީއެމްއެލްއިން ވަނީ ހިއްސާދާރުންނަށް ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައެވެ. ބީއެމްއެލްއަށް 2018 ވަނަ އަހަރު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބިފައިވަނީ 1.09 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަލާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ. 2017 ވަނަ އަހަރު ބޭންކަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ބީއެމްއެލްއަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. ބީއެމްއެލްއިން ބުނީ މިދިޔަ އަހަރު ބޭންކުގެ އާމްދަނީ އިތުރުވެ ކުންފުންޏަށް ފައިދާ ޖެހިފައިވަނީ އާމްދަނީގެ ވަސީލަތްތައް ފުޅާވުމާއެކު ދޫކުރި ލޯނުތަކުގެ އުފެއްދުންތެރިކަން ރަނގަޅުވުމުންނެވެ.

އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި ޓިމޮތީ ސޯޔަރ ވިދާޅުވީ. މިދިޔަ އަހަރަކީ ބޭންކުގެ ހަޔާތުގައި ވެސް މާލީގޮތުން ވަރަށް ކާމިޔާބު އަހަރެއްކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ބޭންކަށް ލިބުނު ކާމިޔާބީއާއެކު އިތުރު ހަރުފަތްތަކަކަށް ދިއުމަކީ ބޭންކުގެ އަމާޒެއްކަމަށެވެ. އެގޮތުން ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގައި އިންވެސްޓުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސީއީއޯ ޓިމޮތީ ސޯޔަރ ވިދާޅުވިއެވެ.

" ބީއެމްއެލްގެ ޓީމުންދަނީ ބޭންކުގެ ސިޔާސަތުތައް ކޮޅަށް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން. އެ މަސައްކަތުގެ ދަށުން އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ބައިނަލްއަޤްވާމީ ޤައުމުތަކަށް ބީއެމްގެ ވިޔަފާރި ފުޅާކުރުމަށް. މިއީ ގިނަ ގޮންޖެހުންތަކެއް ދިމާވާނެކަމެއް. އެހެންނަމަވެސް ޕްލޭނަކާއިއެއްކޮށް ކޮށްފިނަމަ މިކަން ވެސް ކުރެވޭނެ." ސިއީއޯ ޓިމޮތީ ސޯޔަރ ވިދާޅުވިއެވެ.

މި ޖަލްސާގައި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އަންނަ އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލާފައިވެއެވެ.

ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 11 މެމްބަރުން ތިއްބަވަން ބޭންކުގެ ޤަވައިދު ލާޒިމްކުރާއިރު މިއަހަރުގެ ބޯޑަށް ސަރުކާރުން ފޮނުވާފައިވަނީ 7 ބޭފުޅުންގެ ނަމެވެ. އޭގެ ތެރެއިން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފުގެ ނަން ސަރުކާރުން އަނބުރައި ނަންގަވާފައިވާއިރު މިހާރު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ސަރުކާރު ހިއްސާވާ 6 މެމްބަރުންނެވެ. އެއީ، ސީއީއޯ ޓިމޮތީ ސޯޔަރ، މާފަންނު ކޮށީގެ ޖުވައިރިޔާ ސަޢީދު، މއ. މަނަސް ސަނާ މަންސޫރު، މާފަންނު ދާޝިން ނަޖީމް އިބްރާހިމް ޒަކަރިއްޔާ އަދި ހެންވޭރު ވައިފިލާގެ ހައްވާ ސަފުނާގެ އިތުރުން މާފަންނު މުއިރު ހުސައިން ތައުފީޤްއެވެ.

އާއްމު ޚިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ބޯޑުގައި 3 ޑިރެކްޓަރަކު ތިއްބަވަންޖެހޭއިރު، އާއްމު ޚިއްސާދާރުން ތަމްސީލްކުރައްވާ ބޭފުޅުންނަކީ ޑިރެކްޓަރ، މުހައްމަދު އަބްދުއްސައްތާރާއި، ނ.ހޮޅުދޫ ނެލުމް އިބްރާހިމް މުހައްމަދު އަދި ގ.އުފާ އަހުމަދު މުހައްމަދުއެވެ.

މިއާއެކު ބީއެމްއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ 9 ޑިރެކްޓަރުންނެވެ. އެހެންކަމުން ކުންފުނީގެ ބޯޑު ފުރިހަމަ ކުރުމަށްޓަކައި ބޯޑަށް އިތުރު 2 ޑިރެކްޓަރުން އަދިވެސް ބޭނުންވެއެވެ. ބީއެމްއެލްއިން ބުނީ ސަރުކާރުން ޑިރެކްޓަރުންގެ ބޯޑަށް ނަން ހުށަހެޅުއްވިހާ އަވަހަކަށް އިތުރު ޖަލްސާއެއް ބާއްވައި މި ބޭފުޅުންގެ ނަންތައް ފާސްކުރެވިގެންދާނެކަމަށެވެ.