ޚަބަރު

ފިއެމްއިން ދިވެހި 5 ކުއްޖަކަށް އިންޑިއާގައި ހިލޭ ބެޗެލަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި


އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް، ފިއެމްއިން ދިވެހި 5 ކުއްޖަކަށް ހިލޭ ބެޗެލަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ އިންޑިއާގެ ދާނިޝް އަޙްމަދު ކޮލެޖް އޮފް އިންޖިނިއަރިންގްއިން ފިއެމް މެދުވެރިކޮށް ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕް ފުރުސަތެކެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި މިއަދުވަނީ (ފިއެމްއާއި) ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފައެވެ. ފިއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަމްޢިއްޔާގެ ރައީސް އަޙްމަދު އަމްޖަދުއެވެ. ހަޔަރ އެޑިއުކޭޝަން މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ފާތުމަތު ހިލްމީއެވެ. މި ސްކޮލަރޝިޕަށް ކުދިން ހޮވުމުގެ މަސައްކަތްކުރާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ފިއެމްގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވީ މި ކޯސްތައް ފަށާނީ ސެޕްޓެމްބަރު މަހު ކަމަށާއި، އަންނަ މަހުގެ 20ވަނަ ދުވަހާއި ހަމައަށް ކޯހަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މި ކޯހަށް ހޮވޭ 5 ކުދިންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ދާނިޝް އަޙްމަދު ކޮލެޖް އޮފް އިންޖިއަރިންގއިންނެވެ.

"4 އަހަރުގެ ބެޗެލަރސް ޑިގްރީ ކޯސްތަކެއް މިއީ. ސިވިލް އިންޖިއަރިންގ، ކޮމްޕިއުޓަރ ސައިންސް އިންޖިނިއަރިންގ، އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން އިންޖިނިއަރިންގެ އަދި މެކޭނިކަލް އިންޖިނިއަރިން، މިއިން ކޮންމެ ކޯހަކަށްވެސް ކުރިމަތިލެވޭނެ." އަމްޖަދް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޮލެޖުގައި ކިޔަވަންއެދޭ އެހެން ކުދިންނަށްވެސް %50ގެ ޑިސްކައުންޓެއް ކޯސް ފީއިން ދޭނެކަމަށް އެ ކޮލެޖުން ބުނެފައިވާކަމަށެވެ.

ފިއެމްއަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރުކޮށް، ދިވެހި ކުދިންނަށް އިންޑިއާއިން އެކިކަހަލަ ފުރުޞަތު ހޯދައިދެމުން އަންނަ ޖަމްޢިއްޔާއެކެވެ.