ޓުއަރިޒަމް

މުޅިރާއްޖެ ބަދަލުކުރެވޭވަރުގެ ޕްރޮޖެކްޓެއް ރާއްޖެގެންނަނީ- އަދީބު


ހަތް އަހަރުތެރޭގައި 10 މިލިޔަނާއި، 15 ބިލިޔަނާ ދެމެދުގެ އަދަދަކަށް
އިންވެސްޓުކުރެވޭ، މުޅިރާއްޖެ ބަދަލުކުރެވޭވަރުގެ ވަރުގަދަ ޕްރޮޖެކްޓެއް ޓުއަރިޒަމް
މިނިސްޓަރ އަހްމަދު އަދީބު އިޢުލާން ކުރައްވައިފިއެވެ.



ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިއަދު ފެށި އިންޑިއަން އޯޝަން
ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަދީބު
ވިދާޅުވީ،  މިހާރުވެސް ރާއްޖެއަކީ، މުޅި ދެކުނު
އޭޝިއާ ރީޖަންގައި، އަދި ދުނިޔޭގައިވެސް ފަތުރުވެރިކަމަށް ފާހަގަކުރެވޭ ގައުމަކަށްވާއިރު،
އެ ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ ލޭންޑްސްކޭޕް ބަދަލުވެގެންދާނެކަމުގެ
ޔަގީންކަން ދެއްވާކަމަށެވެ. އަދި ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް
ލޯންޗްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ އަދީބު ވިދާޅުވީ، އެ ޕްރޮޖެކްޓް ގެނައުމުގެ މަސައްކަތް މީގެ
ހަމަސްދުވަސް ކުރިން ފަށައިގެން ކުރިޔަށްގެންދާކަމަށާއި،  އެޕްރޮޖެކްޓް ގެނައުމަށް ގާނޫނީގޮތުން ކުރަންޖެހޭ
މަސައްކަތް ކުރަމުންދާކަމަށެވެ. 



ރާއްޖެހިމެނޭ މިސަރަހައްދުގެ ނުވަގައުމަކުން ބައިވެރިވެގެން މިއަދު
ކޮލަމްބޯގެ ގޯލް ފޭސް ހޮޓެލްގައި ފެށި މި ކޮންފަރެންސްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ
ދާއިރާގެ އިސް ބައެއް ފަރާތްތަކުން ދަނީ ރާއްޖެ ތަމްސީލުކޮށް މައި ސެޝަންތަކުގައި ވާހަކަދައްކަމުންދެއެވެ.
އަދި ސްރީލަންކާއާއި، އެހެނިހެން ގައުމުތަކުގައި ފަތުރުވެރިކަން ތަރައްގީކުރާއިރު
ރާއްޖެއިން މި ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކާ، ގުޅޭގޮތުން
މަޢުލޫމާތު ހިއްސާކުރެވެމުންދެއެވެ.