ޚަބަރު

ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް


  • ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ވަނީ ބަނޑިވެފައި

  • ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ބްރިޖު ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރުވަނީ ފުރޮޅާލާފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.