ސިއްހަތު

"ވިނަވި ޕޯޓަލް" އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ފަށައިފި


ސިއްޙީ ޚިދުމަތް އެއް ވިއުގައެއްގެ ތެރެއިން ގުޅާލުމަށް ބޭނުންކުރާ އާސަންދަ "ވިނަވި ޕޯޓަލް"ގެ ޚިދުމަތް އައްޑޫ ސިޓީގެ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ފަށައިފިއެވެ. މިކަމަށް ބޭނުންވާ ތަމްރީންތައް މިހާރުވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ ފަރުވާ ދޭ ތަންތަނުގެ މުއައްޒަފުންނަށް ދީފައެވެ.

ޢާސަންދަ ސްކީމްގެ ދަށުން ބޭނުންކުރަން ފަށާފައިވާ ވިނަވި ޕޯޓަލަކީ ބަލިމީހާއާއި ގުޅޭ ހުރިހާ މަޢުލޫމާތެއް އެއް ނެޓްވަރކެއްގެ ތެރެއިން ބަލަހައްޓައި ރައްކާކުރެވޭ ނިޒާމެކެވެ. މި ޕޯޓަލް މިހާރު އައްޑޫ ސިޓީގެ ހުރިހާ ހޮސްޕިޓަލަކާއި، އަމިއްލަ ފަރާތްތަކުން ސިއްހީ ޚިދުމަތްދޭ ތަންތަނުގައިވެސްވަނީ ބޭނުންކުރަން ފަށާފައެވެ.

މި ޕޯޓަލްގެ ތެރެއިން ބަލިމީހާ ޑޮކްޓަރަށް ދެއްކުމަށް މެމޯ ހައްދާ ހިސާބުން ފެށިގެން ބަލިމީހާގެ ފަރުވާ ނިމެންދެން ދެވޭ ފަރުވާއާއިގުޅޭ ހުރިހާ މަޢުލޫމާތެއް ރެކޯޑް ކުރެވޭނެއެވެ. އަދި މީހާއަށް ދޭ ފަރުވާގެ ބާވަތާއި، ފަރުވާދޭ ޑޮކްޓަރާއި އަދި ދޫކުރާ ބޭސްތަކުގެ މަޢުލޫމާތުފަދަ މަޢުލޫމާތުތައްވެސް ރައްކާކުރެވޭނެއެވެ.

މި ޕޯޓަލްގެ އެންމެ މުހިންމުކަމަކީ ބަލިމީހާގެ ބައްޔާ ގުޅޭ ހިސްޓްރީ ކަރުދާހާއި ނުލައި ވިނަވި ޕޯޓަލްގެ ތެރެއިން ޑިޖިޓަލްކޮށް ރައްކާކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކުން މި މަޢުލޫމާތު ބަލާލުމުގެ ފުރުޞަތު ލިބުމެވެ. އަދި މިއީ ބަލިމީހާގެ ބައްޔާއި ގުޅޭ މަޢުލޫމާތު ނުގެއްލި ރައްކާތެރިކުރުމަށްވެސް ކުރެވޭ މުހިންމު ކަމެކެވެ.

އައްޑޫ ސިޓީއަކީ އެ އަތޮޅެއްގައި ސިއްހީ ފަރުވާދޭ ހުރިހާ ތަނެއްގައި ވިނަވި ޕޯޓަލް ޤާއިމުކޮށް ބޭނުންކުރަންފެށި ފުރަތަމަ އަތޮޅެވެ.
އައްޑު އަތޮޅުގެ އިތުރުން އިތުރު 6 އަތޮޅެއްގައި މިހާތަނަށް އާސަންދައިގެ ވިނަވި ޕޯޓަލް ޤާއިމުކޮށްފައިވެއެވެ. އެއީ ހއ، އއ، އދ، މ، ފ އަދި ޏ އަތޮޅެވެ.

ދެން އެންމެ އަވަހަށް ވިނަވި ޕޯޓަލްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދަނީ ދ އަތޮޅުގައެވެ. މި މަސައްކަތް މިހާރުދަނީ ކުރިއަށް ގެންދަމުންނެވެ. އާސަންދައިގެ ޢަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވިނަވި ޕޯޓަލްގެ ތެރެއިން ސިއްޙީ ޚީދުމަތްދޭ ހުރިހާ ތަނެއް ގުޅާލުމެވެ.

އާސަންދައިގެ ޚިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ދަނީ ވިނަވި ކަސްޓަމަރ ޕޯޓަލްގެ ނަމުގައި ޕޯޓަލެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ޕޯޓަލްގެ ޒަރިއްޔާއިން، އަމިއްލައަށް އެމީހެއްގެ ސިއްޙީ ފަރުވާއާއި ގުޅޭ ކަންކަން ފޯނުންވެސް ބަލާލެވޭނެއެވެ.