ވިޔަފާރި

ބޯޓިންގ އެސޯސިއޭޝަނުގެ މެންބަރުންނަށް ބޭރުގެ ފެއަރތަކުގައި ބައިވެރިވުމަށް ލުޔެއް


ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މެންބަރުން އެމްއެމްޕީއާރުސީއަށް އަހަރީ ފީ ދައްކަން ނުޖެހި ފެއަރތަކުގައި ބައިވެރިވެވޭގޮތްހަދައިފިއެވެ.

މިގޮތައް ހަމަޖައްސާފައިވަނީ އެ އެސޯސިއޭޝަނުން އެމްއެމްޕީއާރުސީއާއިއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ކުންފުނީގެ މެނޭޖިނަގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. ބޯޓިންގ އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް ހަމީދުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބޯޓިންގ އެސޯސިއޭޝަނުން ބުނީ، ފީއެއް ދައްކައިގެން ފެއަރތަކުގައި ބައިވެރިވުމަކީ އެ އެސޯސިއޭޝަނުގެ މެމްބަރުންނަށް ކުރިމަތިލާންޖެހޭ ބުރައެއްކަމަށެވެ. އެގޮތުން މިހާރު އަހަރީ ފީ ދެއްކުމަކާއިނުލައި އެމްއެމްޕީއާރުސީގެ ފެއަރތަކުގައި މެންބަރުންނަށް ބައިވެރިވެވޭ ރޭޓުގައި ބޯޓިންގ އެސޯސިއޭޝަނުގެ މެމްބަރުންނަށް ބައިވެރިވެވޭނެކަމަށެވެ. މިކަމުގެ ސަބަބުން ބޯޓިން އެސޯސިއޭޝަންގެ މެންބަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

2007 ވަނަ އަހަރު އުފެއްދި ލިވްއަބޯޑް އެސޯސިއޭޝަން ގައުމީ ޖަމިއްޔާއަކަށް ބަދަލުކޮށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. އަދި މި ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމަށް ތަފާތު ކަންތަށްތަކެއް ވަނީ ރާވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެެނީ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މޯލްޑިވްސް މެރިން އެކްސްޕޯ އާއި މޯލްޑިވްސް ބޯޓިންގ އެވޯޑެވެ.