ކުޅިވަރު

އައިއޯއައިޖީ ގޭމްސްއިން މެޑަލް ހޯދި އެތްލީޓުންނަށް ޚޫނު މަރުޚަބާއެއް ކިޔައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން މެޑަލް ހޯދި އެތްލީޓުންނަށް ޚޫނު މަރުޚަބާއެއް ކިޔައިފިއެވެ.

10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ދިވެހި ކޮންޓިންޖެންޓް އެނބުރިއައީ ގޭމްސްއަށް ކަނޑައެޅި ޓާގެޓްކަމަށްވާ 15 މެޑަލް ހޯދައިގެންނެވެ. ދިވެހިރާއްޖެއަށް މެޑަލް ހޯދައިދިން ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، އެތްލެޓިކްސް، ބެޑްމިންޓަން އަދި ބީޗްވޮލީބޯޅައެވެ.

އައިއޯއައިޖީން މެޑަލް ހޯދި ކުޅުންތެރިންނަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ފަށާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އޭގެ ފަހުން ޖުމްހޫރީ މައިދާން ސަރަޙައްދުގައިވެސް އައިއޯއައިޖީގެ ކޮންޓިންޖެންޓަށް މަރުޚަބާ ކިޔުމުގެ ކަންތައްތައް ކުރިއަށްދިޔައެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި ޓީމަށް މަރުޚަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނެވެ. މޮރިޝަސްގައި މި ފަހަރު ބޭއްވި ގޭމްސްގައި ރާއްޖޭން ވަނީ ހަތަރު ރަން މެޑަލް ހޯދައިފައިއެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުން. އަނެއް ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަންގެ އަންހެން ސިންގަލްސްއިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގުއެވެ.

މީގެއިތުރުން ޓޭބަލް ޓެނިހުން ވަނީ އިތުރު ދެ ރިހި މެޑަލް ހޯދާފައިއެވެ. އަދި ބެޑްމިންޓަނުންނާއި ބީޗް ވޮލީއިންވެސް ވަނީ ރިހި މެޑަލް ރާއްޖެއަށް ހޯދައިދީފައެވެ.