ޚަބަރު

"ވަށަމަގު ބަންދުކުރާ ވަގުތު، ސިނަމާލެ ބްރިޖަށް އަރާ ފޭބޭނީ ވަކި މަގުތަކަކުން"


މިއަދު ހަވީރު ބާއްވާ "އެއްބައިވަންތަކަމުގެ އަތުގުޅާލުން" ބޭއްވުމަށްޓަކައި މާލޭ ވަށަމަގު ބަންދުކުރި ނަމަވެސް ސިނަމާލެ ބްރިޖް ބޭނުންކުރުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމަށް ޓްރެފިކް ފުލުހުން ބުނެފިއެވެ.

ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހޯމް މިނިސްޓްރީއިން ބާއްވާ "އެއްބައިވަންތަކަމުގެ އަތުގުޅާލުން" ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ވަށަމަގު ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 04:30އިން ފެށިގެން އިރުއޮއްސި 06:30އަށްކަމަށް ޓްރެފިކް ފުލުހުން ބުނެއެވެ.

ވަށަމަގު ބަންދުކުރާ ވަގުތުގައި މާލެއިން ބްރިޖަށް އަރަން އެމަގަށް ނުކުތުމަށް ބޭނުންކުރެވޭނީ ކަނޑައަޅާފައިވާ ވަކި މަގުތަކެވެ. އެގޮތުން ބްރިޖަށް އަރަން އަންނަ ފަރާތްތަކުން ސެނަހިޔާ ކުރިމަތީގައި އޮންނަ މޫންލައިޓް ހިންގުމަށް ނިކުމެވޭނީ ސެނެހިޔާގެ އުުތުރަށް އޮންނަ ލޮނު ޒިޔާރަތް މަގުނެނެވެ. އަދި ބްރިޖުން ފައިބައިގެން އަންނަ އުޅަނދުތަކަށް މާލެ ތެރެއަށް ވަދެވޭނީ ސެނަހިޔާގެ ދެކުނުން އޮންނަ ބުރުޒުމަގާއި، އަމީނީމަގުންނެވެ.

ވަށަމަގު ބަންދުކުރާ ވަގުތުގައި އިތުރު އެހެން މަގުތަކުން ބްރިޖަކަށް ނުދެވޭނެއެވެ. އަދި ބޭރުމަގުގެ އެހެން ސަރަޙައްދުތަކުގައި އެވަގުތުގައި ހުއްދަ ދީފައިވާ ވެހިކަލްތައް ފިޔަވައި އިތުރު އެހެން ވެހިކަލްތައް ނުދުއްވޭނެކަމަށްވެސް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.