ޚަބަރު

އެމްއޭސީއެލްއިން 10 މުވައްޒަފުން ޙައްޖަށް ފޮނުވުމަށް ސްޕޮންސަރ ދީފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެ ކުންފުނީގެ ދިހަ މުވައްޒަފަކަށް ޙައްޖަށް ދިއުމުގެ ފުރުސަތު ދީފިއެވެ. އެކުންފުނީގެ ސީއެސްއާރްގެ ދަށުން ޙައްޖަށް ދިއުމުގެ ފުރުސަތު ދިން ދިހަ މުވައްޒަފުންނަށް އެކަމުގެ ލިޔުންވަނީ ޙަވާލުކޮށްފައެވެ. މިސްޕޮންޝަރޝިޕްގެ ދަށުން އެމީހުންފެ ޙައްޖުގެ ކަންކަމާގުޅޭ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެކުންފުނިންނެވެ.
ޙައްޖަށް ގެންދާ ފަރާތައް ހޮވާފައިވަނީ އެކަމަށް ޚާއްސަކޮށް ނަގާފައިވާ ކޮމިޓީއަކުން. ޙައްޖަށް ދިއުމަށްއެދި މިއަހަރު އެކުންފުނީގެ ސަތޭކަ ފަސްދޮޅަސް ފަހެއް މުވައްޒަފުން އެދިފައިވެއެވެ. މިމުވައްޒަފުން ހޮވުމަށް މާކްސް ދިނުމުގައި އިސްކަން ދީފައިވަނީ ކުންފުންޏަށް ކޮށްފައިވާ ޚިދުމަތާއި އުމުރަށް ބަލައިގެންނެވެ.

ޙައްޖަށް ދިއުމަށް ހޮވުނު ދިހަ މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހުއެވެ. މޫސާ ޞާލިޙް ވިދާޅުވީ ޙައްޖަށް މީހުން ގެންދިއުމަށް މީހުން ހޮވާފައިވާނީ އެންމެ އިންސާފުވެރިކޮށް، އެކަމުގެ ޙައްގުވެރިން ބަލައިގެންކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނީގެ ޚިދުމަތުގައި އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ މުވައްޒަފުންނަށް ވާއިރު، މުވައްޒަފުންނަށް ކުންފުނީގެ ފަރާތުން ލިބެންވާ ޚިދުމަތްތަކުގެ ފެންވަރު އަބަދުވެސް ރަނގަޅު ކުރުމަށް އިސްކަންދޭކަމަށެވެ.

"މުސާރައާއި، އިނާޔަތްތައް އިތުރުކުރުމުގެ ވާހަކަތައް އެބަ ދެކެވޭ. އެކަންކަން ސަރުކާރަށްވެސް އެބަ ހުށައެޅޭ. ފިނޭންސްއާއި މިކަމާއި ގުޅޭ މަޝްވަރާ ކުރާނަން." މޫސާ ޞާލިޙް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރު ފަހުކޮޅު އެކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެމްއޭސީއެލްގެ ފަރާތުން ޙައްޖަށް ގެންދާ މީހުން ފުރަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. މިމީހުން ޙައްޖައްދާނީ ޙައްޖު ކޯޕަރޭޝަނުންނެވެ.