ތަޢުލީމު

އެމްއެންޔޫގެ"އިންޖިނއަރިން ސިމްޕޯސިއަމް 2019"ފަށައިފި


އިންޖިނިއަރިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އިންޖިނިއަރިންގ ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން "އިންޖިނއަރިން ސިމްޕޯސިއަމް 2019 ގެ ނަމުގައި މަހާސިންތާއެއް ފަށައިފިއެވެ.

މިއީ ޤައުމީ ޔުނިވަރސިޓީއާއި ނައިން ސިކްސް ޒީރޯ ކޮންސަލްޓަންސް ގުޅިގެން ބާއްވާ މަހާސިންތާއެކެވެ. އެއްދުވަހުގެ މި މަހާސިންތާ ކުރިއަށްގެންދަނީ އޮސްޓްރޭލިއާގެ ޔުނިވަރިސިޓީ އޮފް މެލްބަންގެ ޕްރޮފެސަރ ޕްރިޔަން މެންޑިސްއާއި ސްރީލަންކާގެ ޔުނިވަރިސޓީ އޮފް ޕެރެޑެނިއާގެ ހެޑް އެންޑް ސީނިއަރ ޕްރޮފެސަރ އިން ސިވިލް އިންޖީނިއަރިން، ޕްރޮފެސަރ ރަންޖިތު ޑިސަނަޔަކަ އާއި އެ ޔުނިވަރިސޓީގެ ސީނިއަރ ލެކްޗަރރ ޑރ.ޗަމިންދަ ބަންޑަރގެ ބައިވެރިވުމާއެކުގައެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އައިޝަތު ޝާހީން ވިދާޅުވީ އިންޖިނިއަރިން ދާއިރާގެ ދިރާސާތަކާބެހޭ ސިމްޕޯސިއަމެއް ރާއްޖޭގައި ބޭއްވުމަކީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިމަގުގައި އެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ މީހުނަށް މި ސިމްޕޯސިއަމްގެ އެހީ ލިބޭނެ ކަމަށްވެސް ޝާޙީން ވިދާޅުވިއެވެ.

މި މަހާސިންތާގައި ބައިވެރިވާ ޕްރޮފެސަރުން ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިން ދާއިރާގެ ކުރިމަގާއި މޫދާ ކައިރީގަ ރީއިންފޯސްޑް ކޮންކްރީޓް ބޭނުންކޮށްގެން ބިނާކުރާ އިމާރާތްތަކާއި ސްޓްރަކްޗަރގެ އުމުރާ ބެހޭގޮތުން ހެދާފައިވާ ދިރާސާތަކާއި މިކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ފައިދާތަކާއި އިޤްތިޞާދީ ގޮތުން ލިބޭނެ ފައިދާތަކުގެ މަޢުލޫމާތު ހިމެނެއެވެ. އަދި ގްރީން އިނޮވޭޝަން ބޭނުންކުރެވޭ ތަފާތު ގޮތްތަކާއި މިކަމާ ބެހޭ އެންމެ ފަހުގެ ދިރާސާތައްވެސް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިމާރާތްތައް ހެދުމުގައި ވީހާވެސް ތިމާވެއްޓަށް ފައިދާވާނެ ގޮތްތަކަށް ވިސްނައިގެން ކުރެވޭ ސްޓްރަކްޗަރަލް އިންޖީނިއަރިންގް މަސައްކަތްތަކަށްވެސް މި މަހާސިންތާގައި އަލިއަޅުވާލާނެއެވެ.

މި މަހާސިންތާއަކީ މިދިޔަ ޖޫންމަހުގެ ތެރޭގައި ޤަމީ ޔުނިވަރސިޓީއާއި ސްރީލަންކާގެ ސްޓްރަކްޗަރަލް އިންޖީނިއަރިން ކޮންސަލްޓަންސް އާ ދެމެދު ސޮއިކޮށްފައިވާ އެމް.އޯ.ޔޫގެ ދަށުން ބާއްވާ ފުރަތަމަ ސިމްޕޯސިއަމްއެވެ. ސީއެސް.އީ.ސީގެ ރާއްޖޭގެ ރަސްމީ ސްޓްރެޓެޖިކް ޕާޓްނަރަކީ ނައިން ސިކްސް ޒީރޯ ކޮންސަލްޓަންޓްސްއެވެ.