ޚަބަރު

ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި


ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ތިން ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)އާއި ނާއިފް އަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސް އާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ޖަޕާން ސަރުކާރު ގުޅިގެންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފެށި މި ވޯކްޝޮޕުގައި ސަރުކާރުގެ 18 އިދާރާއަކާއި 9 އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ. ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކާއި ހަރުކަށި ފިކުރުތައް ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ދަނީ ހައްދުފަހަނައަޅާދިއުމާއި ޓެރަރިޒަމް ހުއްޓުވުމަށް ހޭލުންތެރި ކުރުވުމުގެގޮތުން ގިނަ ވޯކްޝޮޕްތަކެއްވެސް ހިންގަމުންނެވެ. އެގޮތުން ފިކުރީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގައި ދީނީ އިލްމުވެރިންގެ ދައުރާއި ގުޅޭގޮތުން ދާދި ފަހުންވެސް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފައިވެއެވެ.

ނާއިފް އަރަބް ޔުނިވަރސިޓީ ފޮރ ސެކިއުރިޓީ ސައިންސަސްއާއި އެންސީޓީސީ ގުޅިގެން ކުރިޔަށް ގެންދާ މި ވޯކްޝޮޕްގައި، ހައްދުފަހަނައަޅައި ދިއުމާއި ކައުންޓަރ ޓެރަރިޒަމްއާއި ގުޅޭ ގޮތުން ދީނީ އިލްމްވެރިން މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއަދު ފެށި "އެކްސްޓްރީމިޒަމް އެންޑް ކައުންޓަރ ޓެރަރިޒަމް" ވޯކްޝޮޕް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.