ވިޔަފާރި

ދުނިިޔޭގެ އެންމެ ރީތި އަދި އެންމެ ތަފާތު ރެސްޓޯރެންޓްތައް!


ރެސްޓޯރެންޓުގައި ކާން އިންނައިރު ވަށައިގެންވާ މާހައުލަކީ އެތަނަކުން ކާންލިބެންހުރި އެއްޗެއްގެ ރަހައަށްވެސް އޭގެ އަސަރުކުރާ ކަމެއްކަމަށް ބުނެއުޅެއެވެ.

މަޖާޒީ ގޮތެއްގައި ނަމަވެސް މިހެން ބުނެއުޅެނީ ސަބަބުތަކެއް ހުރުމުންނެވެ. މިސަބަބާއިހެދި ތަފާތު އަދި ހިތްގައިމު މާހައުލެއް ރެސްޓޯރެންޓު ތެރޭގައި ޤާއިމްކުރުމަށް ވިޔަފާރިވެރިން މަސައްކަތްކުރެއެވެ.

ވިޔަފާރި ޚަބަރުތައް ގެނެސްދޭ ފޯރބްސް މަޖައްލާއިންވަނީ ތަފާތު އަދި ޤަބޫލްކުރަން ދަތި "ވިއުއެއް" ފެންނަ ރެސްޓޯރެންޓުތައްކުގެ ލިސްޓެއް އެކުލަވާލާފައެވެ. އަދި މިރެސްޓޯރެންޓުތަކަކީ ދިގު ދަތުރެއް ކޮށްފައިވާވެސް ދާންވާވަރުގެ ތަންތަންކަމަށް ފޯބްސްއިން ބުނެއެވެ.

ކުލޯކް އެންޑް ޕެޓަލް - ސެން ޑިއާގޯ، ކެލިފޯނިއާ

ޗެރީ ބްލޮސަމް ގަހަކީ ޖަޕާނުން އާއްމުގޮތެއްގައި ފެންނަންހުންނަ ގަހެކެވެ. އެހެން ނަމަވެސް އެމެރިކާގެ ސެން ޑިއާގޯގައި ހުންނަ ކުލޯކް އެންޑް ޕެޓަލް ރެސްޓޯރެންޓް ފަރުމާ ކުރުމުގައި ބޭނުންކޮށްފައިވާ އެންމެ މައިގަނޑު އެއްޗަކީ ޗެރީ ބްލޮސަމް ގަހެވެ.

ފިޔާތޮށި ކުލައިގެ މި ގަހާއެކު ރެސްޓޯރެންޓަށް އިތުުރު ފުރިހަމަކަމެއް ލިބިގެންދެއެވެ.

އިތާ އަންޑަރސީ ރެސްޓޯރެންޓް - ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް

ދުނިޔޭގެ އެންމެ ހިތްގައިމު ރެސްޓޯރެންޓުތަކުގެ ލިސްޓުގައި ރާއްޖޭގެ ރިސޯޓެއް ހިމެނިގެން ދިޔުމަކީ މިލިސްޓަށް ލިބޭ އިތުރު ފުރިހަމަކަމެކެވެ.

މޫދު އަޑީގެ ރެސްޓޯރެންޓެއް ކަމަށްވާ އިތާ އަންޑަ ސީ ރެސްޓޯރެންޓަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ރެސްޓޯރެންޓެކެވެ. ކެއުމަށް އިންސާފް ކުރަމުންދާއިރު މޫދު އަޑީގައި އިނދެވޭ ކަހަލަ އިހްސާސެއް މި ރެސްޓޯރެންޓުގައި އިންނައިރު ކުރެވެއެވެ.

ދަ ޑޯމް އެޓް ލެބުއާ - ބެންކޮކް، ތައިލެންޑު

މި ރެސްޓޯރެންޓުގެ އެންމެ ތަފާތު ކަމަކީ މިއީ 820 ފޫޓު އުސް އިމާރަތެއްގެ މަތީގައި ހަދާފައިވާ ރެސްޓޯރެންޓަކަށްވުމެވެ. މިރެސްޓޯރެންޓުގައި ކެއުމަށް އިންސާފްކުރަމުންދާއިރު ބެންކޮކުގެ އުސް އިމާރަތްތަކުގެ ހިތްގައިމުކަން ފެންނާނެއެވެ.

މި ރެސްޓޯރެންޓަށް ކާން އަންނަ ފަރާތްތަކަށް ތަފާތު އެކި ކެއުންތައް ލިބެން ހުރުމުގެ އިތުރަށް ފޮޓޯ ނަގައިދޭނެ މީހުންވެސް ތިބެއެވެ.

ސޮނޭވާ ކިރި - ތައިލޭންޑް

ގަހެއްގައި ހަދާފައިވާ ގެއެއްގައި ކެއުމަށް އިންސާފުކުރުމަކީ އާއްމުކޮށް ކުރަން ލިބޭނެ ތަޖުރިބާއެއް ނޫނެވެ.

މަތީ ފަންތީގެ ޚިދުމަތްދޭ ސޮނޭވާ ކިރި ރިސޯޓުގައި ދަނީ މިފަދަ ޚިދުމަތެއް ފޯރުކޮށްދެމުންނެވެ. މިރެސްޓޯރެންޓުގައި އިންނައިރު ކޮހް ކޫދު ރެއިންފޮރެސްޓުގެ ހިތްގައުމުކަން ފެންނަން ހުރެއެވެ.
މި ރެސްޓޯރެންޓަށް ވެއިޓަރުން ކާ އެއްޗެހި ގެންދަނީ ޒިޕްލައިނެއްގެ އެހީގައެވެ.