ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކަން ފަށައިފި


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ހިއްސާ ވިއްކަން ފަށައިފިއެވެ. މިއީ އެކުންފުނިން ހިއްސާ އާއްމުނަށް ވިއްކަން ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކުމަށް ނިންމާ އިޢުލާނުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18ގެ ނިޔަލަށް ހިއްސާ ވިއްކުމަށް ހުޅުވާލާފައިވާއިރު ކުންފުނީގެ 31 އިންސައްތަ ހިއްސާ ވިއްކުމަށް ހަމަޖެހިފައިއެވެ. އެއީ ގާތްގަނޑަކަށް 6.9 މިލއަން ރުފިޔާކަމަށް އެމްއައިބީއިން ބުނެއެވެ.

އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އެއީ ހިއްސާއަކަށް 35 ރުފިޔާގެ ރޭޓުންކަމަށްވާނަމަ 700 ރުފިޔާއެވެ. އަދި މިއަދަދު 10 ހިއްސާއިން ބޭނުންވާ އަދަދަކަށް އިތުރުކުރެވޭނެކަމަށް ވެސް އެމްއައިބީއިން މަޢުލޫމާތުދެއެވެ.

އެމްއައިބީއިން ހިއްސާވިއްކުމަށް ފަށާފައިވާއިރު ހިއްސާ ދެބަޔަކަށް ބެހިގެންވެއެވެ. އެއީ އިސްލާމިކް ބޭންކުގެ 157 މިލިއަން ރުފިޔާގެ ހިއްސާ އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރގެ 87 މިލިއަން ރުފިޔާގެ ހިއްސާއެވެ. އިސްލާމިކް ބޭންކުން ބުނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ބޭންކަށް ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމްއައިބީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މުހައިމިން ވަނީ ބޭންކުގެ ހިއްސާ ވިއްކަން ފެށުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ، ގިނަ އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ހިއްސާ ވިއްކުމަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ވީހާވެސް ގިނަ ދިވެހިން ހިފުމަށް މުހައިމިން ވިދާޅުވެފައިވެއެވެ.

އެމްއައިބީގެ ހިއްސާ އެ ބޭންކްގެ އޮންލައިން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހިއްސާ ގަތުމުގެ ކަންކަން ހަމަޖެހިފައިވާނެކަމަށް ބޭންކުން ބުނެއެވެ. އަދި މީގެ އިތުރުން ބޭންކުގެ ވެބްސައިޓުން ވެސް މިކަމާއިބެހޭ މަޢުލޫމާތު ލިބެން ހުންނާނެކަމަށް ބޭންކުން ބުނެއެވެ.

2010 ވަނަ އަހަރު އުފެއްދި މޯލްޑިވިސް އިސްލާމިކް ބޭންކް، އަކީ އިސްލާމިކް ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ، އައިސީޑީގެ 10 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއި ސަރުކާރުގެ 1 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއެކު އުފައްދާފައިވާ ބޭންކެކެވެ. އެމްއައިބީއަކީ ރާއްޖޭގައި އިސްލާމީޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކެވެ.