ކުޅިވަރު

ސިންގަލްސް ފައިނަލުގައި ރަފާއާއި ދީމާ! ސާބަސް!


އިންޑީއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ފައިނަލުން ރާއްޖޭގެ ދީމާ އަލީއާއި ރަފާ ނާޒިމް ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލްގައި މޮރީޝަސްގެ ކުޅުންތެރިން ބަލިކޮށް ދީމާއާއި ރަފާ ފައިނަލުން ޖާގަ ހޯދައިވަނީ އަނެއްކާވެސް ރަން މެޑައްޔެއް ޔަގީންކޮށްދީފައެވެ. މީގެ ކުރިން ޓީމް އިވެންޓް އަދި ޑަބަލްސް ފައިނަލުންވެސް މޮޅުވެ މި ދެ ކުޅުންތެރިން އަތުގައި ދެ ރަން މެޑަލް އެބައޮތެވެ.

އަންހެން ސިންގަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރަފާ ނާޒިމް ނިކުތީ މޮރީޝަސްގެ ޖަލިމްއާއި ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ރަފާ ހޯދީ ފަސޭހަކަމާއިއެކުގައެވެ. އެއީ 11-06 އަދި 11-03އިންނެވެ. ޖެހިގެން އައި ތިން ސެޓު 07-11، 07-11 އަދި 04-11އިން ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް ޖަލީމް ހޯދިއެވެ. އެހެންނަމަވެސް ރަފާވަނީ 11-06އިން މެޗުގެ ހަވަނަ ސެޓު ހޯދައި ނަތީޖާ 3-3އަށް ބަދަލުކޮށްލާފައެވެ.

ނަތީޖާ ނެރުމަށް ކުޅުނު ސެޓުގައި ގިނަ ވަގުތު ކުރީގައި އޮތީވެސް މޮރީޝަސް ކުޅުންތެރިޔާއެވެ. އެހެންނަމަވެސް ފޯރިގަދަ ސެޓު އިތުބާރާއިއެކު ކުޅެ 12-10އިން ކާމިޔާބުކޮށް ރަފާ ފައިނަލުން ޖާގަ ހޯދިއެވެ.

ފައިނަލްގެ ދެވަނަ ޖާގަ ދީމާ އަލީ ހޯދީ މޮރީޝަސްގެ އެއްވަނަ ކުޅުންތެރިޔާ ގޮކުލް ވިދާދުއާއެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ މޮރީޝަސްގެ ވިދާދެވެ. އެއީ 08-11 އަދި 08-11އިންނެވެ. ޖެހިގެން އައި ދެ ސެޓު ދީމާ ކާމިޔާބުކުރީ 11-05 އަދި 11-03އިންނެވެ. ފަސްވަނަ ސެޓު 09-11އިން ވިދާދު ކާމިޔާބުކުރި ނަމަވެސް ދީމާވަނީ ފަހު ދެ ސެޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.

މިއީ ޓީޓީގެ އިންޑިވިޖުއަލް އިވެންޓެއްގެ ފައިނަލްގައި ދިވެހި ދެ ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އަންހެން ޑަބަލްސް ފައިނަލްގައިވެސް ވާދަކުރީ ދިވެހިރާއްޖޭގެ ދެ ޕެއަރއެވެ. އަދި މި ނަތީޖާއާއިއެކު ޓޭބަލް ޓެނިހުން ތިން ރަން މެޑައްޔާއިއެކު ޖުމްލަ 5 މެޑަލް ޔަގީންވީއެވެ. އަދި ދިވެހިރާއްޖޭގެ މެޑަލް ޓާގެޓްކަމަށްވާ 15 މެޑަލްވެސް ހަމަވީއެވެ.