ކުޅިވަރު

ބެޑްމިންޓަންއިން ރަން މެޑަލް ހޯދައި، ނަބީހާ ތާރީޚުގެ ތެރެއަށް!


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި ބެޑްމިންޓަންއިން ރާއްޖެއަށް ބައިނަލްއަގްވާމީ ފުރަތަމަ ރަން މެޑަލް ނަބީހާ އަބްދުއްރައްޒާގު ހޯދައިދީފިއެވެ.

މިއަދު ކުޅުނު ބެޑްމިންޓަން އަންހެން ސިންގަލްސް ސެމީ ފައިނަލުގައި ސީޝެލްސްގެ ކެމިލްއާއި ވާދަކޮށް ނަބީހާ މެޗު ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމް ނަބީހާ ކާމިޔާބުކުރީ 21-14އިންނެވެ. ދެވަނަ ގޭމް ކާމިޔާބުކުރީ 21-10އިންނެވެ.

މިއީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެއްގައި ބެޑްމިންޓަނުން ހޯދި ފުރަތަމަ ރަން މެޑަލެވެ.

10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އިތުރު ރަން މެޑަލެއް ހޯދުމުގެ ފުރުސަތު ނަބީހާއަށް އެބައޮތެވެ. އެއީ އަންހެން ޑަބަލްސް ފައިނަލުން މިއަދު މޮޅުވެގެންނެވެ.

މިއީ މިފަހަރުގެ ގޭމްސްގައި ރާއްޖޭން ހޯދި ތިން ވަނަ ރަން މެޑެއްޔެވެ. މީގެ ކުރިން ޓޭބަލް ޓެނިސް އަންހެން ޓީމު ވަނީ ދެ ރަން މެޑަލް ހޯދާފައެވެ. އެއީ، ޓީޓީގެ އަންހެން ޓީމު އިވެންޓް ބަޔާއި ޑަބަލްސް ބައިންނެވެ.