ވިޔަފާރި

އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަންނަ މަހު ހުޅުވަނީ


އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މި ރިސޯޓަކީ ރ. އަތޮޅު ފަސްމެންދޫގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓުގެ ބޮޑުމިނުގައި 20 ހެކްޓަރު ހުރެއެވެ. މިއީ 5 ތަރީގެ ރިސޯޓެކެވެ.

މި ރިސޯޓް ހުޅުވާއިރު ރިސޯޓުގައި 120 ވިލާ ހުންނާނެކަމަށް ރިސޯޓުން ބުނެއެވެ. އޭގެތެރޭގައި މޫދު ވިލާތަކާއި ބީޗް ވިލާތައް ހިމެނެއެވެ. އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަކީ އިނގިރޭސިވިލާތުގެ ދަ ލީޑިންގ ހޮޓެލްސް އޮފް ދަ ވޯލްޑް އިން ރާއްޖޭގައި ތަރައްޤީކުރި ރިސޯޓެކެވެ. މި ކުންފުނިން މިހާރުވެސް އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 400 އަށްވުރެ ގިނަ ހޮޓެލް އަދި ރިސޯޓް ހިންގަމުންނެވެ.

އަންނަ މަހު މި ރިސޯޓް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އަލަށް 11 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ވަނީ 12 ރިސޯޓު އަލަށް ހުޅުވާފައެވެ. މިއާއެކު މިއަހަރު ނިމޭއިރު، އަލަށް ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު 23 އަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.