ތަރައްްޤީ

ދިވެހި ފަސްގަނޑުން ކިތަންމެ ކުޑަތަންކޮޅެއްގެ މިލްކުވެރިކަންވެސް ބޭރުބަޔަކަށް ދޫކޮށްނުލާނަން - ރައީސް ޞާލިޙު


ރާއްޖެ ތަރައްޤީކުރުމަށްކަމަށްބުނެ ވަގުތީ މަންފާއަކަށްޓަކައި މިލޮބުވެތި ދިވެހި ފަސްގަނޑުން ކިތަންމެ ކުޑަތަންކޮޅެއްގެ މިލްކުވެރިކަންވެސް ބޭރުބަޔަކަށް ދޫކޮށްނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވަނީ ދުނިޔޭގެ ސިޔާސީ އޮއިވަރަށް ދީލާނުލާ ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ އެންމެމަތީ ޤައުމީ ވާޖިބުކަމަށް ވިދާޅުވެފައިއެވެ.

ރާއްޖޭގެ 54ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިނިވަންކަމުގެ މުޅިން އައު އަހަރަކާ ކުރިމަތިލާއިރު ސަރުކާރުގެ އެންމެއިސް ސިޔާސަތަކަށްވާނީ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުން ކަމަށާ، އުފާވެރިކަމާއެކު ދިރިއުޅޭ ގެދޮރުވެރި ފުދުންތެރި އަދި ފަޚުރުވެރި އާއިލާތަކެއް ބިނާކުރުން ކަމަށެވެ.

އަދި ފަރުދީ މިނިވަކަން އިޙްސާސްކުރެވޭނީ އެކަންކަން ޙާޞިލުކުރެވި، ރާއްޖޭގެ ކަނޑުފަޅާއި، ފަރާއި އެއްގަމާއި، ވަޔާ ކަނޑުން ގުޅިފައިވާ ނޫ އިޤްތިޞާދުގެ ނަފާ އެއްވެސް ހުރަހެއްނެތި ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމަށް ކިތަންމެ ބޭނުންފުޅުވި ކަމުގައިވީނަމަވެސް، އެމަނިކުފާނު ދޫނުކުރައްވާނެ މުހިއްމު އުސޫލުތަކެއް ހުންނާނެކަމަށެވެ. އެގޮތުން ރާއްޖެ ތަރައްޤީކުރުމުގައި ކިތަންމެ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލައްވަންޖެހިވަޑައިގަތަސް، ވަގުތީ މަންފާއަކަށްޓަކާ މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަތަންކޮޅެއްގެ މިލްކުވެރިކަންވެސް ބޭރުބަޔަކަށް ދޫކޮށްނުލައްވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"ތަރައްޤީއަށްޓަކާ އަޅުގަނޑުމެން ކުރަންޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަ. ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް އެހާމެ ގިނަ. ރާއްޖެ ތަރައްޤީކުރުން ކިތަންމެ ބޭނުންވިޔަސް ވަގުތީ މަންފާއަކަށްޓަކާ މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަތަންކޮޅެއްގެ މިލްކުވެރިކަންވެސް ބޭރުބަޔަކަށް ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެކަމެއްނޫން. މުދަލާ ފައިސާއިން އަގުކުރެވޭ ވަރަށްވުރެ މި ޖަޒީރާތަކުގެ ގަދަރާއި ކަރާމަތް އަޅުގަނޑުމެން ކުރިމަތީގައި މާ މަތިވެރި. ހުޅުވާލެވިފައިވާ ދުނިޔެއަކަށް ނޭވާލަމުންދާއިރު ދުނިޔޭގެ ސިޔާސީ އޮއިވަރަށް ދީލާނުލާ ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ތަރައްޤީކުރުމަކީ މިއަދު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ އެންމެމަތީ ޤައުމީ ވާޖިބު." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ، މިނިވަންކަމުގެ ހަޤީޤީ މަޤްޞަދަކަށްވާންވާނީ ތަރައްޤީގެ ހުރިހާ މައިދާނެއްގައި ކުރިއެރުންތައް ހޯދާ އިޤްތިޞާދީ ފުދުންތެރިކަމާއި މިނިވަންކަން ހާޞިލުކުރުންކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީވެސް ރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ހިމާޔަތްކުރުންކަން ފާހަގަކުރައްވާ، ރާއްޖޭގެ ސިޔާސީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކާ ޤައުމީ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައިވާނީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ޑިމޮކްރަސީގެ ހަމަތަކާއި އަގުތައް ނަގަހައްޓާ މޫސުމީ ބަދަލުތަކަށާއި، ތިމާވެށީގެ ހިމާޔަތަށް އިސްކަންދިނުމުގެ މައްޗަށް.. މިނިވަންކަމުގެ ހަޤީޤީ މަޤްޞަދަކަށްވާންވާނީ ތަރައްޤީގެ ހުރިހާ މައިދާނެއްގައި ކުރިއެރުންތައް ހޯދާ އިޤްތިޞާދީ ފުދުންތެރިކަމާއި މިނިވަންކަން ހާޞިލުކުރުން.. ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި އަދުލު އިންސާފު ޤާއިމުކުރެވޭނެކަމުގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެކަމުގެ ޔަޤީންކަން މިފުރުޞަތުގައިވެސް އަރުވަން.." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވަނީ ދިވެހިންގެ އަގު އުފުލައިދީ މި ޖަޒީރާ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުމަށް ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އަދުލްވެރިކަމާއި ހަމައާއި އިންސާފު ޤާއިމުކުރުމަށްޓަކާ ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރުލިބިގަތުމަށް ދިވެހި ކޮންމެ ރައްޔިތަކަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. ރައީސް ޞާލިޙު ވިދާޅުވީ މިއީ އެންމެންގެ ޤައުމުކަމަށާއި، މި ރާއްޖެ އިސްލާޙުކޮށް ތަރައްޤީކުރާނީ އެންމެން ގުޅިގެން ކަމަށެވެ.