ޚަބަރު

ޕާކަރ 51 - ދުނިޔޭގެ އެންމެ ކާމިޔާބު ގަލަން


އިނގިރޭސީންގެ 78 އަހަރުގެ އަޅުވެތިކަމުގައި ރާއްޖެ އޮތުމަށްފަހު މިނިވަންކަމުގެ ހަޤީޤީ ރަހަ ދިވެހިންގެ އަރުތެރޭގައި ލީދުވަހަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ދިވެއްސަކަށް ހަނދާނުން ފޮހެލެވޭނެ ދުވަހެއް ނޫނެވެ. އަޅުގަނޑުމެން އެދުވަހު ދުނިޔޭގައި ނެތްކަމުގައި ވިނަމަވެސް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން އޭރުގެ ހަނދާންތައް މިހާރުވެސް ލޯމައްޗަށް ސިފަވަމުން ދާކަހަލައެވެ.

މިނިވަންކަމުގެ ހިތްގައިމު ކުލައިން ދިވެހިރާއްޖެ ޒީނަތްވެގެން ދިޔަ ދުވަހަކީ ތާރީޚީ ދުވަހެކެވެ. އެއީ މީގެ 54 އަހަރު ކުރިއެވެ. ދިވެހިރާއްޖޭގެ އޭރުގެ ވަޒީރުލް އައުޒަމް، ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރް ރަންނަބަނޑޭރި ކިލެގެފާނުގެ އަތްޕުޅުން ޤައުމުގެ މިނިވަންކަމުގެ ފޭރާން އަނބުރައި ވަޡަނަށް ގެނުވީ އެދުވަހުއެވެ. އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ގަލަންކޮޅުން ޤައުމުގެ މުސްތަޤްބަލް ލިޔެވިގެންދިޔައީ ވެސް ހަމަ އެދުވަހުއެވެ.

ކޮންމެއަކަސް މިނިވަން ދުވަހުގެ ފޮނިމީރުކަމާއި އުފާ މިއަދު އަޅުގަނޑުމެން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު މިނިވަންދުވަހުގެ އެންމެ ޝަރަފުވެރި ރަމްޒު އަދި މިނިވަންކަމުގައި ކުލަ ޖައްސައިދިން މޭސްތިރިކަމަށްވާ، ގަލަންކޮޅުގެ މަތީން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެއެވެ.

1965 ވަނަ އަހަރު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔެ ދުށް އެންމެ ކާމިޔާބު އަދި ތާރީޚީ ގަލަންކަމަށްވާ ޕާކަރ 51- މިގަލަމެވެ. މިއީ އެމެރިކާގެ ޕާކަރ ކުންފުނިން 1939ވަނަ އަހަރު ބާޒާރަށް ނެރުނު ގަލަމެކެވެ. މިއީ އޭރުވެސް އަދި މިހާރުވެސް މަޤްބޫލު އަދި އަގުބޮޑު ގަލަމެކެވެ.

'ޕާކަރ 51' މި ގަލަން އުފައްދާފައިވަނީ 'ޕާކަރ' ކުންފުންޏަށް 51 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ. ގަލަމުގެ ޚާސިއްޔަތަށް ބަލާލާއިރު ގަލަމުގެ ދޯރީގައި އެކަނިވެސް 12 ކެރެޓުގެ ރަން އެކުލެވިގެންވެއެވެ. ދޯރީގެ އެތެރެ ތައްޔާރުކޮށްފައިވަނީ ދެލި ނުފައިބާނެ ގޮތްތަކަށް ބެލުމަށްފަހުއެވެ.

ގަލަމުގެ ތުނޑުގައި 14 ކެރެޓުގެ ރަން ބޭނުންކޮށްފައިވާއިރު މިއީ އާންމުކޮށް މިބާވަތުގެ ގަލަމުގެ ތުނޑަށް ހޭދަކުރާ ރަނަށްވުރެ އިތުރު މިންވަރެއްކަމަށް ފާހަގަކޮށްލެވެއެވެ. ގަލަމުގެ މައިގަނޑަށް ބަލާލާއިރު 'ޕާކަރ 51' ތައްޔާރުކޮށްފައިވަނީ ޕްލާސްޓިކްގެ މައުދަނެއްކަމަށްވާ 'ލޫސައިޓް' ބޭނުންކޮށްގެންނެވެ.

ގަލަން ތައްޔާރުކޮށް ނިންމުމަށްފަހު ގަލަމުގެ ޓެސްޓު ކޮޕީތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވާފައިވާއިރު އޭގެ ތެރޭގައި 'ކަރާކަސް' 'މަރަކައިބޯ' 'ވެނެޒުއޭލާ' 'ކޮލަމްބޯ' 'ސްޕެއިން' އަދި 'ނެދަލެންޑްސް' ހިމެނެއެވެ. އެއަށްފަހު 1941 ވަނަ އަހަރު 'ޕާކަރ 51' ރަސްމީކޮށް ބާޒާރަށް ނެރެން ފެށިއިރު އޭރު މީގެ ގަލަމެއްގެ އަގު އުޅުނީ 50 ޑޮލަރާއި 80 ޑޮލަރާއި ދޭތެރޭގައެވެ.

މިހާރުގެ ޑޮލަރު ރޭޓަށް ބަލާއިރު މިއީ ގާތްގަނޑަށް އެއްހާސް ރުފިޔާއަށް ވުރެ މަތީ އަދަދެކެވެ. އެހެންކަމުން ނަވާރުސަތޭކައިގެ ކުރީގެ އަހަރުތަކާއި އަޅާކިޔާއިރު އޭރު މިއީ ފުދޭވަރަކަށް ބޮޑު އަދަދެއްކަމަށް ބެލެވެއެވެ.

އެހެންނަމަވެސް އޭރުވެސް މި ގަލަމަށް އޮތް ޑިމާންޑް ވަރަށް ބޮޑުކަމަށް ކުރީގެ ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން 1972 ވަނަ އަހަރު ޕާކަރ ގަލަން ނެރުން ހުއްޓާލިއިރު ފާއިތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭ ޕާކަރއިން400 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެއެވެ.

ގަލަމަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާލާއިރު ވިހި ވަނަ ޤަރުނުގެ ހަތަރުވަނަ އިންޑަސްޓްރިއަލް ޑިޒައިންގެ ލަޤަބުގެ އިތުރުން އޭރު "ޓެން އިޔާރސް އަހެޑް' ގެ ގޮތުގައި މި ގަލަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ކުރެވިފައިވެއެވެ.

ފާއިތުވެދިޔަ ދިގު މާޒީގައި ޕަރކަރ 51އަށް ބޮޑު ކާމިޔާބީތަކެއް ލިބިފައިވާއިރު މިއަދުވެސް ޕަރކަރ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އެކި ޤައުމުތަގެ ތާރީޚާއި ގުޅިފައިވުމުގެ ސަބަބުންނެވެ. އެގޮތުން 1965ވަނަ އަހަރު އިބްރާހިމް ނާސިރު ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވާފައިވަނީ މީގެ ގަލަންކޮޅަކުންނެވެ.

1945 ވަނަ އަހަރު ޖަޕާނުން އިނގިރޭސިވިލާތާއި ސީނުކަރައިގެ ކުރިމަތީ ކުޑަކަކޫ ޖަހާލައި އޭޝިއާގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައީވެސް މީގެ ގަލަންކޮޅަކުންނެވެ.

އަދި 1944 ވަނަ އަހަރު ހިޓްލަރ މަރުވުމާއިގުޅިގެން ޖަރުމަނުން ބަލިޤަބޫލުކޮށް ދެވަނަ ބޮޑު ހަނގުރާމަ ނިންމާލި އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައީވެސް ޕާކަރ 51 ގެ ގަލަންކޮޅަކުންނެވެ.

މީގެ އިތުރުން ވެސް ކުއީން އެލިޒަބަތް 2 އަދި ދުނިޔެ ދުށް ފުރަތަމަ އަންހެން ބޮޑު ވަޒީރު އަދި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު، ސިރީމާވީ ބަންޑާރަނައެކް ވެސް މި ގަލަންކޮޅު ބޭނުންކުރައްވާފައިވެއެވެ.

އެހެންކަމުން މި ގަލަމުގެ ތާރީޚާއި އެއްވަރަށް ކާމިޔާބީތައް ވެސް އެހާ ގިނައެވެ. ކޮންމެއަކަސް ދިވެހިންނަށް މިގަލަން ޚާއްސައީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލާއި މި ގަލަން ގުޅިފައިވުމުގެ ސަބަބުންނެވެ. 54 އަހަރަށް ވުރެ ދިގު ތާރީޚެއް އޮތް މިގަލަން އެންމެ ފަހުން ބެލެހެއްޓެވީ ނިޝާން އިއްޒުއްދީންގެ ވެރިޔާ އަބްދުލްސައްތާރު މޫސާ ދީދީއެވެ. އެހެންނަމަވެސް އެމަނިކުފާނު އަވަހާރަވުމަށްފަހު މި ގަލަން މިހާރު އޮންނެވީ އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަމުގެ ދަށުގައެވެ.

މިއަދު އަޅުގަނޑުމެން މިނިވަންކަމުގެ އުފާ ފާޅުކުރަމުންދާއިރު ޕާކަރ 51 އަޅުގަނޑުމެންނަށް ދެކަމެއް އެބަ ހަނދާންކޮށްދެއެވެ. އެއްކަމަކީ އެއީ މިނިވަންދުވަހުގެ ރަމްޒަށްވުމެވެ. އަނެއްކަމަކީ ދުނިޔެ ދުށް އެންމެ ކާމިޔާބު ގަލަންކޮޅުން މި ފަސްގަނޑުގައި އިއްޒަތާއި ޝަރަފުގައި އޮތުމެވެ.