ކުޅިވަރު

ރަނުގެ ކާމިޔާބީ އާއެކު ޤައުމީ ބޮޑީބިލްޑިން ޓީމު ރާއްޖެ އަތުވެއްޖެ


ބާރަވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ސްޕޯޓްސް ފިޒީކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށްފަހު ރާއްޖޭގެ ފަޚުރުވެރި ޤައުމީ ބޮޑީބިލްޑިން ޓީމު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވި މި މުބާރާތުގައި، ހަތް އެތްލީޓުން ރާއްޖެ ތަމްސީލުކުރިއިރު، ރާއްޖެއިން ވަނީ ތިން ރަން މެޑަލްއާއި ދެ ބްރޯންޒް މެޑަލް ހޯދާފައެވެ.

ބޮޑީބިލްޑިން ޓީމް ރާއްޖެއައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ވިދާޅުވީ ކުޅިވަރާބެހޭ ވުޒާރާގެ ނާއިބު އަޙުމަދު އަޒްމީލާއި އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢައްސަދު އަލީގެ އިތުރުން އެވުޒާރާގެ އިސްވެރިންނެވެ. ޓީމް ރަސްމީ ޢިއްޒަތުގައި މާލެ ގެނެސް ޖުމްހޫރި މައިދާނުން ޓީމަށް މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު މާރިޔާ އަޙުމަދި ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޓީމުގެމެނޭޖަރު އަލީ ރިފާއު ބުނީ މުބާރާތަށް ރާއްޖެއިން ކަނޑައެޅި ޓާގެޓައްވުރެ އިތުރަށް ކާމިޔާބީ ހޯދިއްޖެ ކަމަށާ، މިއީ ރާއްޖެފަދަ ކުޑަޤައުމަކަށް ބަލައިފިނަމަ އެންމެ ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ރައްޖެއިން މުބާރާތުގައި 3 ރަން މެޑަލް ހޯދިއިރު ވާދަކުރަން ޖެހުނީ ބޮޑީބިލްޑިންގ ގައި މިސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާ އާއި އަފްޣާނިސްތާނާ ކަމަށްވެސް ރިފާޢު ބުންޏެވެ.

"މިއީ އަސްލު ރާއްޖެއަށް ބަލައިފިއްޔާ %500 ކާމިޔާބީއެއް. 100 އެއްނޫން، އެއީ މުބާރާތަށް ދިޔައީ ތިން މެޑަލްއަށް ޓާގެޓް ޖަހައިގެން. އެއީ އެއް ގޯލްޑް އާއި ދެ ސިލްވާ، އެކަމު އެނބުރި މިއައީ ތިން ގޯލްޑާއި ދެ ބްރޯންޒް ހިފައިގެން. ވާދަކުރަން ޖެހުނީ އިންޑިއާ އާއި އަފްޣާނިސްތާނާ. އެއީ ރާއްޖެއާ އަޅާބަލާއިރު މާ ވަރުގަދަ ގައުމުތައް. ރެޖިސްޓާޑް އެތްލީޓުންގެ ޢަދަދުވެސް މާ ގިނަ،" ރިފާޢު ބުންޏެވެ.

މުބާރާތުގައި ރާއްޖެއަށް ރަންމެޑަލް ގެނެސްދިން އެތްލީޓުންނަކީ މުޙައްމަދު މޫސާ އާއި، އަޙުމަދު މާހިލް ސަޢީދާއި އަޒްނީން ރަޝާދެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާންއަކީ ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲއެވެ.