ސިޔާސީ

ޖަލުގައި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި އޮފިސަރުންނަށް ފިޔަވަޅުއަޅަން ފޮނުވައިފި


މިދިޔަމަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޙާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އޮފިސަރުން ދެނެގަނެވި އެ އޮފިސަރުންނާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް މޯލްޑީވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 20ވަނަ ދުވަހު މާފުށީ ޖަލުގައިހިނގި ހަމަނުޖެހުންތަކުގައި 6 ޤައިދިޢަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު ޖަލު އޮފިސަރަކަށްވެސް އަނިޔާ ލިބިފައިވެއެވެ. އަދި އެ ހަމަނުޖެހުންތަކުގައި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށް ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ.

އެމައްސަލަ ތަޙްޤީޤްކޮށް ކަރެކްޝަނަލް ސާރވިސްއިން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ ޖޫންމަހުގެ 20ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގައި ދިޔަ ހާދިސާގައި ޙާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމާއި ހަތިޔާރު ގެންގުޅުމާބެހޭ ޤަވާއިދުގެ ދަށުން "ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ" އަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެ މައްސަލަ ހުށަހެޅުއްވިކަމަށެވެ. އަދި އެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ޙަލަތާ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ފާހަޤީ ކޮށްފައިވާތީ، އެކަމުގެ ޒިންމާ އުފުލަންޖެހޭ އޮފިސަރުންނާ މެދު ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ފޮނުވާފައިވާކަމަށް ބަޔާނުގައިވެއެވެ.

މާފުށި ޖަލުގައި ހިނގާދިޔަ ޙާދިސާ ތަހުޤީގުކޮށް ނިމެންދެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރު ސަސްޕެންޑް ކުރަން ހޯމް މިނިސްޓަރު ނިންމަވާފައިވަނީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހުންފެށިގެން ތަހުޤީގުކޮށް ނިމެންދެން އެމަޖެންސީ ސަޕޯރޓް ގްރޫޕްގެ ކޮމާންޑަރު މިހާތަނަށް ހުރީ ސަސްޕެންޑްގައެވެ.

ކަރެކްޝަނަލް ސާރވިސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމައްސަލާގައި ސަސްޕެންޑްކުރި އޮޕަރޭޝަން ކޮމާންޑަރގެ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތްކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ އޭނާގެ ސަސްޕެންޝަން އުވާލާފައިވާކަމަށެވެ. ކަރެކްޝަނަލް ސަރވިސްގެ އަމާޒަކީ އެ ސާރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ޙައްޤުތަކަށް ހުރުމަތް ތެރިކޮށްހިތުމާއެކު، ކުށުގެ ވެށިން މީހުން ސަލާމަތްކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް މީހުން ނެރުމުގެ ޒިންމާ ފުރިހަމައަށް އުފުލާ ބަޔަކަށް ހެދުންކަމަށްވެސް ބަޔާނުގައިވެއެވެ. އެކަމަށްޓަކައި ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ހުނަރު ހޯދާ ދީގެން އެކަމަށް ޤާބިލު ޒިންމާދާރު ކަރެކްޝަނަލް އޮފިސަރުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

މާފުށީ ޖަލުގައިހަމަނުޖެހުން ހިނގާފައިވަނީ ރިމާންޑް ޖަލުގައި ހުރި ޤައިދީއަކު ޖަލަށް ވެއްދުން މަނާ އެއްޗެއް ޖަލަށް ވައްދަން ބުނުމުން ޖަލު ބަލަހައްޓާ އޮފިސަރު އެކަމާއި ދެކޮޅު ހެދުމުންކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރަށް 16 އިންޗި ހުރި ދަނގަޑު ބުރިއަކުން ޤައިދީއަކު ހަމަލާދީފައިވާކަމަށާއި މި ހަމަނުޖެހުން ކޮންޓްރޯލްކުރަން ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ޤާނޫނީ އިމުގެ ބޭރުން 6 ޤައިދީއަކަށް އަނިޔާކޮށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ.

ކަރެކްޝަނަލް ސާރވިސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލާގައި ސަސްޕެންޑްކުރި އޮޕަރޭޝަން ކޮމާންޑަރގެ ސަސްޕެންޝަން ދަމަހައްޓާނެ ތަނެއް ނެތްކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާތީ އޭނާގެ ސަސްޕެންޝަން އުވާލާފައިވާކަމަށެވެ.

ކަރެކްޝަނަލް ސަރވިސްގެ އަމާޒަކީ އެ ސާރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ޙައްޤުތަކަށް ހުރުމަތް ތެރިކޮށްހިތުމާއެކު، ކުށުގެ ވެށިން މީހުން ސަލާމަތްކޮށް، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖުތަމައަށް މީހުން ނެރުމުގެ ޒިންމާ ފުރިހަމައަށް އުފުލާ ބަޔަކަށް ހެދުންކަމަށްވެސް ބަޔާނުގައިވެއެވެ. އެކަމަށްޓަކައި ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ހުނަރު ހޯދާ ދީގެން އެކަމަށް ޤާބިލު ޒިންމާދާރު ކަރެކްޝަނަލް އޮފިސަރުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

މާފުށީ ޖަލުގައިހަމަނުޖެހުން ހިނގާފައިވަނީ ރިމާންޑް ޖަލުގައި ހުރި ޤައިދީއަކު ޖަލަށް ވެއްދުން މަނާ އެއްޗެއް ޖަލަށް ވައްދަން ބުނުމުން ޖަލު ބަލަހައްޓާ އޮފިސަރު އެކަމާއި ދެކޮޅު ހެދުމުންކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރަށް 16 އިންޗި ހުރި ދަނގަޑު ބުރިއަކުން ޤައިދީއަކު ހަމަލާދީފައިވާކަމަށާއި މި ހަމަނުޖެހުން ކޮންޓްރޯލްކުރަން ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ޤާނޫނީ އިމުގެ ބޭރުން 6 ޤައިދީއަކަށް އަނިޔާކޮށް ބާރުގެ ބޭނުންކޮށްފައިވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ.