ނަފްސާނީ ބަލިތަކަށް ފަރުވާދޭ ފަރާތްތަކުން ހިފަހައްޓަންޖޭހޭ "ކޯޑް އޮފް އެތިކްސް" މިންގަނޑުތަކެއް ނެތުމަކީ، ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް ސިއްޙީ އެހީތެރިން ތަމްރީން ކުރުމަށް މެންޓަލް ހެލްތް އެވެއާނަސް ފައުންޑޭޝަނުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރައްސަމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ސިއްޙީ އެހީތެރިން ތަމްރީން ކުރުމަށް މެންޓަލް ހެލްތް އެވެއާނަސް ފައުންޑޭޝަނުން ބޭއްވި ބައްދަލުވުން ނިންމުމުގެ ރައްސަމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރުއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ ނަފްސާނީ ބަލިތަކުގެ ފަރުވާގައި އެންމެ މުހިންމީ ފަރުވާ ހޯދާ ބަލިމީހާއި، ފަރުވާދޭ ފަރާތާއި އޮންނަ ގުޅުންކަމަށެވެ.
ފަރުވާދޭ ފަރާތްތަކުން ހިފަހައްޓަންޖެގޭ މިންގަނޑުތަކެއް ނެތުމުގެ ސަބަބުން ބަލިމީހުންގެ ސިއްރު ނުހިފެހެއްޓުމާއި ބަލިމީހުންގެ ސިއްރު މަޢުލޫމާތުތައް އިންގެން ނުޖެހޭ ފަރާތްތަކާ އެމަޢުލޫމާތު ހިއްސާކުރުން ފަދަ ކަންކަން ކުރިމަތިވާކަމަށް ފަޒްނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ދާއިރާގައި ޕްރޮފެޝަނަލް މީހުން މަދުވުމަކީ މުޅި ރާއްޖެއަށް އޮތް ގޮންޖެހުމަކަށްވާއިރު ކަމުގެ ތަޖުރިބާ ރަނގަޅަށް ނެތް ފަރަތްތަކުން ނަފްސާނީ ބަލިތަކުގެ ފަރުވާ ދީނުމަކީވެސް މަދުންނަމަވެސް ވަމުން އަންނަ ކަމެއްކަށެވެ.
އަދި ބަލިމީހުންނަށް ނޭންގި ޚިދުމަތް މެދުކެނޑުންފަދަ ކަންކަމަކީ އެމީހުންގެ ނަފްސާނީ ޙާލަތު އިތުރަށް ގޯސްވާ ކަމެއްކަމަށާ، ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން އެކި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކޮށް އެކަންކަން ދުރާލައި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ ބަލިމީހުންގެ ޙައްގުތައް ޙިމާޔަތްކޮށް، ފަރުވާގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންދިއުމަށް ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުން ޢަމަލުކުރަންޖެހޭ މިންގަނޑުތަކެއް އެކުލަވާލަން މުހިންމުކަމަށެވެ.
"މިކަމާއި ގުޅޭ "ކޯޑް އޮފް އެތިކްސް"އެއް އޮންނަންޖެހޭ. އަޅުގަނޑުމެންނަށް މަޢުލޫމާތު އެބަ ލިބޭ އެޑިއުކޭޝަން މިނިސްޓްރީއިން މިކަމާއި މިންގަނޑުތަކެއް ހަދާ ޑްރާފްޓެއް އެކުލަވާލާފައިވާކަމަށް. އަދި ސެޕްޓެމްބަރުގައި މި ކޯޑް އޮފް އެތިކްސްއަށް ޢަމަލުކުރަން ފަށާނެކަމަށް." ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވިއެވެ.
މެންޓަލް ހެލްތް އެވެއާނަސް ފައުންޑޭޝަނުން ބޭއްވި "މެންޓަލް ހެލްތް ގެޕް" ޕްރޮގްރާމްގައި ނަރުހުންނާއި ކައުންސިލަރުންނާއި ސައިކޮލޮޖިސްޓުންނާއި ސޯޝަލް ވޯކަރުން ހިމެނޭހެން 32 ފަރާތުން ބައިވެރިވިއެވެ.އައިޖީއެމްއެޗްގެ އެޑްމިނިސްޓްރޭޓީވް އިން ސައިކެޓްރީ އަދި މެފްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރު ޑރ.އާރިފް މުޙައްމަދު ވިދާޅުވީ ނަފްސާނީ ބަލީގެ %80އާއި 90%އާ ދެމެދުގެ މީހުންނަކީ ފަރުވާ ނުހޯދާ ނުވަތަ ފަރުވާ ލިބުމުގެ ދަތިކަން ހުރި މީހުންކަމަށެވެ. އޭނާ ވިދާޅުވީ ޚާއްސަކޮށް އަތޮޅުތަކުގައި ނަފްސާނީ ބަލީގެ ފަރުވާ ލިބެން ނުހުންނަކަމަށެވެ.
" ބައެއް މީހުންނަށް ޤަބޫލުުރާކަށް ބޭނުމެއްނުވެ ނަފްސާނީ ބަލު ހުރިކަމަކަށް. މިއީވެސް މިކަމަށް ފަރުވާ ނުދެވޭ ސަބަބުތެރޭ ހިމެނޭ ކަމެއް." އާރިފް ވިދާޅުވިއެވެ.
މި ޓްރެއިނިންގ ޕްރޮފްރާމްގައި އައިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި، ޖެންޑަރ މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީފަދަ ގުޅުންހުރި މުއައްސަސާތަކުންވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސްގެ އަންބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ރަސްމިއްޔާތުގައިވަނީ މެފް މެންޓަލް ހެލްތް އެވެއާނަސް ޗެމްޕިއަން އެވޯޑް 2019 އާއި މެފް މެންޓަލް ހެލްތް ޔަންގް ޕެރޮން އެމްސެޑަރާއި ލިޔުން ހަވާލުކޮށްފައެވެ.
މެފް ޗެމްޕިއަން އެވޯޑް 2019 ލިބުނީ ޑރ.ފަރްޒާނާ ފިރްދައުސް އަށެވެ. އަދި މެފް ޔަންގް ޕަރސަން އެމްބެސެޑަރަކަށް ހޮވާފައިވަނީ ޒޭން އުމަރުއެވެ. މިއީ މެފްއިން ބާވާ މިފަދަ 5ވަނަ މެންޓަލް ހެލްތް އެވެއާނަސް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ސްކޫލްގެ މާޙައުލުން ނުވަތަ ކުރިއާލާ މިފަދަ ކުދިން ދެނެގަތުމާއި، އެފަދަ ފާރްތަކަށް އެހީވާނެ ގޮތްތައް ކިޔައިދިނުމަށް ބޭއްވި ޕްރޮގްރާމެކެވެ. މެފްއިން މިހާތަނަށްވަނީ 200އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް ހޭލުންތެރިވުމަށް ތަމްރީންދީފައެވެ.