ޚަބަރު

ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭންގެ މަސައްކަތު ބައްދަލުވުން ފަށައިފި


ރާއްޖޭގެ ރަށްތަކަށް ދިމާވާ މޫސުމީ ބަދަލުތަކާއި ހޫނުމޫސުމުގައި ފެނަށްޖެހޭ ޖެހުން، ހުއްޓުވުމުގެ މަޤުސަދުގައި ފަށާފައިވާ ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭނާބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ "ނެޝަނަލް ވޯޓާ ސެކިއުރިޓީ ޕްލޭން"ގެ މަސައްކަތު ބައްދަލުވުން ފަށާފައިވަނީ މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާޙަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ ވިދާޅުވީ ފެނުގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށްދޭ ފެނަކީ ޓެސްޓު ކޮށްފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކަށްފެތޭ ފެންކަން ޔަގީންކޮށްދޭކަމަށެވެ.

"ޔައްޔިތުންނަށް ޔަގީންކަން ދޭނަން ޓެސްޓް ތެސްޓް ކުރެވި ބައިބަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފެންކަން ސަރުކާރުންދެނީ. އެކަން އަޅުގަނޑުމެން އެކަން ހިފަހަށްޓާނަން. ރަށު ފެންވަރުގައިވެސް އަޅުގަނޑުމެން ފެނުގެ ސާފުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލާޒިމް ކުރާނަން" މުޖުތަބާ ވިދާޅުވިއެވެ.

ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭންއެއް އެކުލަވާލަން ޖެހުމުގެ ސަބަބަކީ ފެނަށް ޖެހޭ ރަށްރަށް ފާހަގަކޮށް އެ މައްސަލަތައް ހޯދާ، ފެނަށް ޖެހުން ހުއްޓުވުމަށް ކަމަށް ވޯޓަރ ސެކިއުރިޓީ ޕްލޭން ތައްޔާރުކުރާ ފަރާތުން ވިދާޅުވެއެވެ. މިއަދު ފެށި މިމަސައްކަތު ބައްދަލުވުމުގައި ފެނާއި ނަރުދަމާގެ ކަމާއިބެހޭ ވުޒާރާތަކުގެ ހިޔާލުތަކާއި ލަފާގެ މަތިން ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން ވެލިޑޭޓް ކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ޔިޓިލިޓީ ކުންފުނިތަކާއި ޔޫ.އެން އޯގަނައިޒޭޝަންތަކާއި ފެނުގެ ދާއިރާއާއި ގުޅުންހިރި އެހެނިހެން މުއައްސަސާތަކާއި ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ވަނީ ބަައިވެރިވެފައެވެ.